އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުން ސިޓީ މޮޅުވާން ދަނިކޮށް އިތުރު ވަގުތު ޕެލަސް އިން ލަނޑުޖަހައި ސިޓީ ހުއްޓުވައިފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއީ ސިޓީ ލީގުގައި މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ތިންވަނަ މެޗެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސިޓީންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި ފޮޑެން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ގްރީލިޝް އެވެ. ސިޓީގެ ދެވަނަ ލަނޑު 54 ވަނަ މިނެޓުގައި ޖަހައިދިނީ އުމުރުން 19 އަހަރުގެ ރިކޯ ލެވިސް އެވެ. މިއީ އޭނާ ލީގުގައި ޖެހި ފުރަތަމަ ލަނޑެވެ.

Ad
rt

މެޗުގައި ޕެލަސް އަށް ފުރަތަމަ ލަނޑު 76 ވަނަ މިނެޓުގައި މަޓޭޓާ ޖަހައިދިން އިރު ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މައިކަލް އޮލީސޭއެވެ. މުޅި މެޗުގައި ވެސް ޕެލަސް އަށް ސިޓީގެ ގޯލާއި އަމާޒު ކޮށްލެވުނީ ވެސް މި ދެ ބޯޅައެވެ.

މެޗުން މުހިންމު ދެ ޕޮއިންޓް ސިޓީއަށް ގެއްލުނުއިރު އެ ޓީމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ހަތަރު ވަނާގައެވެ. ސިޓީއަށް 17 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު އެއްވަނާގައި އޮތް ލިވަޕޫލަށް 16 މެޗުން ލިބިފައި ވަނީ 37 ޕޮއިންޓެވެ. މި ދެ ޓީމްގެ ދެމެދު މިހާރު ތިން ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ހަ ޕޮއިންޓަށް ފަރަގު ބޮޑު ކުރުމުގެ ފުރުޞަތު ލިވަޕޫލަށް އެބައޮތެވެ.