އިނގިރޭސި ޕްރިމިއާ ލީގުގައ ރޭ ޓޮޓެންހަމާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ގަދަހަތަރެއްގެ އުންމީދު ޓޮޓެންހަމުން ދަމަހައްޓައިފިއެވެ.
ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ޓޮޓެންހަމުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޓޮޓެންހަމް މިވަގުތު އޮތީ ފަސްވަނާގައެވެ. އެ ޓީމަށް 17 މެޗުން 33 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނާގައި އޮތް ސިޓީއަށް ވެސް ލިބިފައި ވަނީ 33 ޕޮއިންޓެވެ. މިރޭ އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ޓޮޓެންހަމާއި އޮތް ފަރަގު ބޮޑު ކުރުމުގެ ފުރުޞަތު އެ ސިޓީއަށް އެބައޮތެވެ.
ރޭ މެޗުގައި ޓޮޓެންހަމަށް ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދިނީ ރިޗާލިޝަންއެވެ. އެންމެ ފަހުން ޓޮޓެންހަމުން ލީގުގައި ކުޅުނު މެޗުގައި ވެސް ރިޗާލިޝަން ވަނީ ދެ ލަނޑު ޖަހާފައެވެ. ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ދެ މެޗުގައި އޭނާއަށް އެންމެ ފަހުން ލަނޑު ޖެހިފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުއެވެ.
ޓޮޓެންހަމްގެ ދެވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ ކްލުސެވެސްކީއެވެ. ދެ ލަނޑުގެ ލީޑެއް ލިބުނުތާ ފަސް މިނެޓް ފަހުން ޓޮޓެންހަމްގެ ބިސޮއުމާއަށް ވަނީ ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލާފައެވެ. ފަހު ވިހި މިނެޓް ޓޮޓެންހަމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅޭ މެޗުތަކަށް ބަލައިލާއިރު، އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާއި ދެކޮޅަށެވެ. ސިޓީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާއި ބައްދަލުކުރާއިރު ނިއުކާސަލް އަމިއްލަ ދަނޑުގައި ނުކުންނާނީ ފުލަމް އާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!