ފަލަސްތީނުގެ ޣައްޒާ އަށް އަރައިގަނެ، ހަނގުރާމަ ކުރަމުން އަންނަ އިސްރާއީލްގެ ސިފައިން މަރުވާ އަދި ޒަހަމްވާ އަދަދުތައް ވަރަށް ބޮޑު ތަނުން އިތުރުވާން ފަށައިފިއެވެ.
އިސްރާއީލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ހަނގުރާމަ ފެށީ މިދިޔަ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި ދިން ކުއްލި ހަމަލާތަކާ ގުޅިގެންނެވެ. މި ހަމަލާތަކުގައި އިސްރާއީލްގެ 1،200 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ އިސްރާއީލްގެ ސިފައިން ހިމެނޭ އިރު، 240 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންދިޔައެވެ.
އިސްރާއީލުން އެއްގަމު މަގުން ޣައްޒާ އަށް އަރައިގަތީ ޣައްޒާ އަށް ގެންދިޔަ އަސީރުން ސަލާމަތް ކުރުމަށާއި ހަމާސް ޖަމާއަތުގެ ހުރިހާ މުޖާހިދުން ޝަހީދުކޮށްލުމުގެ އަޒުމުގައެވެ. އެކަމަކު، ހަނގުރާމަ އަށް ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު ވެސް އިސްރާއީލަށް މާ ބޮޑު ކުރިއެރުމެއް ހޯދުނު ތަނެއް ނުފެނެއެވެ. އެމީހުންނަށް ކުރިއެރުން ނުލިބޭ އެންމެ ބޮޑު އެއް ސަބަބަކީ ޣައްޒާ އަށް ގެންދިޔަ އެއްވެސް އަސީރެއް ދިރިހުއްޓާ އެމީހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ނުވުމެވެ.
ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުން ގެންދިޔަ އަސީރުން، އިސްރާއީލް ސިފައިންނަށް ސަލާމަތް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އިސްރާއީލް ސިފައިންނަށް އެ ގައުމުގެ ދެތިން އަސީރުން މަރުވެފައި ތިއްބާ ޣައްޒާ އިން ފެނިފައިވެއެވެ. ހަމާސް އިން ބުނާ ގޮތުގައި އެ އަސީރުން މަރުވެފައި ވަނީ އިސްރާއީލުން ވައިގެ މަގުން ޣައްޒާ އަށް ދިން ހަމަލާތަކުގައެވެ. ހަމާސް އާއި އިސްރާއީލްއާ ދެމެދުގައި ހަނގުރާމަ މެދުކަނޑާލުމަށް ގާއިމު ކުރި ހަތް ދުވަހުގެ އެއްބަސްވުމުގެ ދަށުން 50 އަށް ވުރެ ގިނަ އަސީރުން ދޫކޮށްލާފައިވެއެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 130 އަށް ވުރެ ގިނަ އަސީރުން ތިބި ކަމަށްވެއެވެ.
ހަނގުރާމަ މެދުކަނޑާލިތާ ހަފްތާއެއް ފަހުން އަނެއްކާ ވެސް ހަނގުރާމަ ފަށާފައިވާ އިރު، އެއްގަމު މަގުގައި ހަރަކާތްތެރިވާ އިސްރާއީލްގެ ސިފައިންނަށް ލިބޭ ގެއްލުން ވަނީ ބޮޑުވެފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް އިސްރާއީލްގެ 10 ސިފައިންގެ މީހުން ވަނީ މަރާލައިފައެވެ. އަދި މިއަދު ވެސް އިސްރާއީލްގެ ސިފައިންގެ މީހަކު މަރާލާފައިވެއެވެ. މިއާއެކު، އެއްގަމު މަގުން ކުރަމުންދާ ހަނގުރާމައިގައި މަރުވި އިސްރާއީލް ސިފައިންގެ އަދަދު ވަނީ 116 އަށް އަރައިފައެވެ.
އަދި މުޅި ހަނގުރާމައިގެ ތެރޭގައި މަރާލި އިސްރާއީލް ސިފައިންގެ އަދަދު 400 އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ. ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރޭގައި ވެސް އިސްރާއީލްގެ ގިނަ އަދަދެއްގެ ސިފައިން ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމާސް އިން އިއްޔެ މަރާލި އިސްރާއީލް ސިފައިންގެ ތެރޭގައި ދެ ކޮމާންޑަރަކާއި އޮފިސަރުން ވެސް ހިމެނެއެވެ. އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓު ކުރަމުން އަންނަ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލްގެ ހޮސްޕިޓަލްތަކަށް ފަރުވާ ދިނުމަށްޓަކައި 49 އިސްރާއީލް ސިފައިންގެ މީހުން ވަނީ ގެނެސްފައެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!