ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގައި ރޭ އޭސީ މިލާނާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުން، ނިއުކާސަލް ބަލިވުމުން ގްރޫޕްގެ ފުލަށް ވެއްޓި ޔޫރަޕްގެ މުބާރާތްތަކުން އެ ޓީމް ބޭރުވެއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި މިލާން އަތުން ނިއުކާސަލް ބަލިވީ 2-1 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގައި ބްރޫޝިއާ ޑޯޓްމަންޑާއި ޕީއެސްޖީ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ވުމާއިއެކު މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ޑޯޓްމަންޑެވެ. ދެވަނަ ޓީމް ގޮތުގައި ގަދަ ސޯޅަ ބުރުން ޖާގަ ހޯދީ ޕީއެސްޖީއެވެ. ރޭ މެޗުން މޮޅުވެގެން ތިންވަނަ ހޯދައި ޔޫރޮޕާ ލީގުން ޖާގަ ހޯދުމުގެ ފުރުޞަތު ނިއުކާސަލަށް އޮތްނަމަވެސް، އެ ޓީމް މިލާން އަތުން ބަލިވުމުން ވަނީ ގްރޫޕް ފުލަށް ވެއްޓިފައެވެ. ތިންވަނަ ހޯދައިގެން މިލާން ވަނީ ޔޫރޮޕާ ލީގުން ޖާގަ ކަށަވަރު ކޮށްފައެވެ.
ރޭ މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލުން ވަނީ މެޗު ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް އެ ޓީމް ނިންމާލީ ލީޑުގައި އޮވެއެވެ. މި ލަނޑު 33 ވަނަ މިނެޓުގައި ލެވިސް މިލޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ޖޮއެލިންޓަން އެވެ.
މިލާނުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ނަތީޖާ އަނބުރާލާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 59 ވަނަ މިނެޓުގައި ޖިރޫޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޕްލިސިކް ޖަހައިދިންއިރު، މެޗުން މޮޅުވި ލަނޑު 84 ވަނަ މިނެޓުގައި ޖަހައިދިނީ ޗުކްވުއެޒް އެވެ.
ގްރޫޕް އޭގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވެސް އެ ގްރޫޕް ފުލަށް ވެއްޓި ޔޫރަޕުން ބޭރުވީއިރު، ނިއުކާސަލް ވެސް މި ވަނީ ގްރޫޕް އެފްގެ ފުލަށް ވެއްޓި ޔޫރަޕްގެ މުބާރާތްތަކުން ބޭރުވެފައެވެ. ގަދަ ސޯޅަ ބުރުން ޖާގަ ލިބުނީ އިނގިރޭސި ދެ ޓީމަށެވެ. އެއީ ޗެމްޕިއަން ސިޓީއަށާއި އާސެނަލް އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!