ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރޭ ބަޔާން މިއުނިކް އަތުން ބަލިވެ، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ކޮލިފައިނުވެ މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ.

ރޭ މޮޅުވުން މަޖުބޫރު މެޗުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ 1-0 ގެ ނަތީޖާއިން ބަޔާން އަތުން ބަލިވެފައެވެ. މި ބައްޔާއިއެކު ގްރޫޕްގެ ފުލަށް ވެއްޓި ޔުނައިޓެޑަށް ވަނީ ޔޫރޮޕާ ލީގުން ވެސް ޖާގަ ގެއްލިފައެވެ.

Ad
rt

ރޭ މެޗަށް ބަޔާން ނުކުތްއިރު ވެސް އެ ޓީމް އޮތީ ގްރޫޕްގެ އޭގެ އެއްވަނަ ޓީމްގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފައެވެ. މި ގްރޫޕްގެ ދެވަނަ ހޯދައިގެން ދެވަނަ ބުރަށް ކޮލިފައިވީ ރޭ 1-0 ގެ ނަތީޖާއިން ގަލަޓަސަރާއީ މައްޗަށް ކުރި ހޯދި ކޯޕަންހޭގަން އެވެ. ގަލަސަޓަރާއީއަށް ތިންވަނަ ލިބުމުން އެ ޓީމަށް ވަނީ ޔޫރޮޕާ ލީގުން ޖާގަ ލިބިފައެވެ.

ގްރޫޕް ސްޓޭޖުގައި ހަ މެޗު ކުޅުނުއިރު ޔުނައިޓެޑް މޮޅުވީ އެންމެ މެޗަކުންނެވެ. އެއް މެޗު އެއްވަރުވީއިރު ހަތަރު މެޗުން ވީ ބައްޔެވެ. މި މެޗުތަކުގައި އެ ޓީމް ކޮޅަށް 15 ލަނޑު ވަނީ ވަދެފައެވެ. މިއީ ގްރޫޕް ސްޓޭޖުގައި އިނގިރޭސި ޓީމެއް ކޮޅަށް އެންމެ ގިނަ ލަނޑު ވަތްފަހަރެވެ.

ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައި އޮތް ޔުނައިޓެޑް މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ބޯންމައުތު އަތުން ވެސް ވީ ބައްޔެވެ. ރޭ ބަޔާން އަތުން ބަލިވުމާއިއެކު ޔުނައިޓެޑްގެ ކޯޗް ޓެން ހާގަށް އިތުރަށް ޕްރެޝާ ބޮޑުވާނެއެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ ޔުނައިޓް ލީގުގައި ނުކުންނާނީ ފޯމުގައި އޮތް ލިވަޕޫލާއި ދެކޮޅަށެވެ. މިއީވެސް ޔުނައިޓެޑާއި ކުރިމަތިވާނެ އިމްތިހާނެކެވެ.

ރޭ މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 70 ވަނަ މިނެޓުގައި ކޭން ތަނަވަސް ކޮށްދިން ފުރުޞަތުގައި ޖަހައިދިނީ ކިންގްސްލީ ކޮމަންއެވެ.