އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުން އަންނާތީ ބައިނަލްއަގުވާމީ ދުނިޔޭގައި އިސްރާއީލަށް އޮތް ތާއީދު ގެއްލެން ފަށާފައިވާ ކަމަށް އިސްރާއީލްގެ އެންމެ ބޮޑު އެއް ބައިވެރިޔާ އަދި އެމެރިކާގެ ބޮޑުވަޒީރު ޖޯއި ބައިޑެން އިއްޔެ ވިދާޅުވެއްޖެއެވެ.
ބައިޑެން އެގޮތަށް ވިދާޅުވީ ފަންޑްރައިޒިން އިވެންޓެއްގައި ދެއްކެވި ވާހަކައިގައެވެ. މި އިވެންޓަކީ އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފަންޑު ހޯއްދެވުމަށް އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައި އޭނާ ބޭއްވެވި އިވެންޓެކެވެ.
މި ބައްދަލުވުމުގައި ބައިޑެން ވަނީ އިސްރާއީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އިސްރާއީލަށް އޮތް ތާއީދު ގެއްލެން ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.
"އެމީހުންނަށް (އިސްރާއީލް) އޮތް ތާއީދު ގެއްލެން ފަށައިފި،" ބައިޑެން ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ އޭނާ (އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ) މިހާރު އޮތް ސަރުކާރު ބަދަލުކުރަން ވެއްޖެހެން."
ބައިޑެން ވިދާޅުވި ގޮތުގައި އިސްރާއީލަށް އޮތް ތާއީދު ގެއްލެން ފެށި މައިގަނޑު އެންމެ ބޮޑު ސަބަބަކީ ޣައްޒާ އަށް އެއްވެސް ހައްދެއް ނެތް މިންވަރަށް ބޮން އަޅައި، ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދު ކުރަމުން އަންނާތީ ކަމަށެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ކުރަން ފެށި ހަނގުރާމަ އަށް ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އދ. ގެ އާންމު މަޖިލިހުން ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ގޮވާލައި ދެ ގަރާރެއް ފާސްކޮށްފައެވެ. އިސްރާއީލުން ހަނގުރާމަ އިއުލާން ކުރީ ހަމާސްގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެ 1،200 އަށް ވުރެ ގިނަ މީހުން މަރާލުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި 300 އަށް ވުރެ ގިނަ ސިފައިން ހިމެނެއެވެ. އަދި ހަމާސް އިން ވަނީ 240 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ޣައްޒާ އަށް ގެންގޮސްފައެވެ.
އޭގެ ފަހުން އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 50 އަށް ވުރެ ގިނަ އަސީރުން ވަނީ ދޫކޮށްލައިފައެވެ. އަދި އިސްރާއީލްގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ވަނީ ދޫކޮށްލައިފައެވެ.
ހަމާސް އިން އިސްރާއިލަށް ދިން ހަމަލާތަކުގެ ބަދަލުގައި އިސްރާއިލުގެ އަސްކަރިއްޔާ އިން ދަނީ މެދުކެނޑުމެއް ނެތި ޣައްޒާ އަށް ބޮން އަޅަމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!