ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އެއްވެސް ލުޔެއް ނުދޭތީ އެމަނިކުފާނުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) އިން ކަންބޮޑުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވެވި ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވެސް ގޮވާލެއްވީ ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށެވެ. މުއިއްޒުގެ އެ ގޮވާލެއްވުމަށް އޭރުގެ ސަރުކާރުން އިޖާބަދީ، ދެތިން ދުވަހުގެ ތެރޭގައި ޔާމީން ވަނީ ގެއަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން، އެ ސަރުކާރުން ވަނީ ޔާމީނަށް ލުއިތަކެއް ވެސް ދީފައެވެ.

Ad
rt

އެގޮތުން، ގޭބަންދުގައި ހުންނެވި ކަމުގައި ވިޔަސް، ބޭރަށް ވަޑައިގެން ކަސްރަތު ކުރެއްވުމާއި ބޭހަށް ގެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވެއެވެ. ޔާމީން ގެއަށް ބަދަލު ކުރި ފަހުން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ސިޔާސީ ބައްދަލުވުންތައް ދިޔައީ ބާއްވަވަމުންނެވެ. ނަމަވެސް އެއީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ޔާމީންއާ ދެމެދު އިގްރާރުވެފައިވާ އެއްބަސްވުމާ ހިލާފު ކަމަކަށްވުމުން، ސިޔާސީ ބައްދަލުވުންތަކުގައި ބައިވެރި ނުވާން ކަރެކްޝަންސް އިން ދިޔައީ އިންޒާރު ދެމުންނެވެ.

އެކަމަކު، މިހާތަނަށް އައިއިރު ވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޕީޕީއެމް/ޕީއެންސީ ދޫކޮށްލައްވައި ޔާމީން، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއި ކުރުމަށް އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރުކަމާއި ޔޫތު މިނިސްޓަރު ކަން ކުރެއްވެވި މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ޔާމީން އަދިވެސް ހުންނެވީ ޖަލު ބަންދެއްގައި ކަމަށާއި އެމަނިކުފާނު ލޯބިވާ ރައްޔިތުންނާ މުހާތަބް ކުރައްވައި ވާހަކަފުޅު ދެއްކެވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށެވެ.

ނަމަވެސް ޔާމީން ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"(ޔާމީން ހުންނެވީ) ރައްޔިތުންގެ ހައްގުގައި، ދިވެހި ގައުމުގެ ހައްގުގައި، އިސްލާމް ދީނުގެ ހައްގުގައި ސާބިތުކަމާއެކު ދިވެހި ރައްޔިތުންނާ އެކު ކުރިއަށް ވަޑައިގަތުމުގެ ފުރިހަމަ އަޒުމާއި ހިތްވަރާ އެކުގައި ކަން އަޅުގަނޑު ފާހަގަ ކުރަން،" މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ އާ ސަރުކާރަށް ހަފްތާއެއް ފަހުން އެއް މަސް ވެގެންދާ އިރު، ސަރުކާރުން ޔާމީނަށް ދެވޭނެ ލުއިތައް ހުންނާނެ ކަމަށެވެ. މިދިޔަ ސަރުކާރުގައި ޔާމީނަށް ދިން ލުއިތަކަށް ވުރެ އިތުރު ލުއިތަކެއް ލިބިގެން ނުދާ ކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވި ގޮތުގައި ޕީއެންއެފަކީ ޔާމީންގެ ޕްރޮޑަކްޓެކެވެ. ޕީއެންއެފް ކުރިއަށް ދާނީ ޔާމީންގެ ފުރިހަމަ ބާރާއި ކޮންޓްރޯލާއި ސިޔާސަތުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ބޭރުގެ ސިފައިންގެ މައްސަލަ އާއި ކަނޑުތައް ވިއްކާލުމުގެ މަައްސަލަ އާއި ބޭރު ގައުމުތަކާ އެކީގައި ހަދާފައި ހުރި އަސްކަރީ އެއްބަސްވުންތަކުގެ މައްސަލަ އާއި ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ސަރުކާރުން ހަނދާން ނެތިފައިވާ ކަމަށާއި އެކަންކަމުގައި ވަކާލާތު ކުރާނެ ކަމަށް މަލީހް ވިދާޅުވިއެވެ.