އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. މިއަދު ހަވީރު އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 2-1 ގެ ނަތީޖާއިން ޕެލަސް ބަލިކޮށްފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ޕެލަސްއެވެ. މި ލަނޑު 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ މަޓޭޓާއެވެ. މި ޕެނަލްޓީ ޕެލަސްއަށް ދީފައި ވަނީ ލިވަޕޫލްގެ އޭރިއާތެރެއިން އާނޯލްޑް މަޓޭޓާއަށް ކުރި ފައުލަކާއި ގުޅިގެންނެވެ.
ލީޑުގައި ކުޅެމުންދިޔަ ޕެލަސްއަށް އިތުރު މައްސަލަތައް ކުރިމަތިވީ އެ ޓީމްގެ ޖޯޑަން އަޔޫއަށް 75 ވަނަ މިނެޓުގައި ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމާއި ގުޅިގެންނެވެ.
ޕެލަސްއިން އެކަކު މަދުވިތާ މިނެޓެއްތެރޭ ލިވަޕޫލުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ސަލާހްއެވެ. މިއީ ސަލާހް ލިވަޕޫލަށް ޖަހައިދިން 200 ވަނަ ލަނޑެވެ. ޕްރިމިއާ ލީގުގައި އޭނާ ޖެހި 150 ވަނަ ލަނޑެވެ.
މެޗު އެއްވަރުވެގެން ނިމެންދަނިކޮށް އިތުރު ވަގުތުގެ ތެރޭ ލަނޑުޖަހައި ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދިނީ އެލިއޮޓްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ސަލާހްގެ އެހީތެރިކަމާއި އެކުއެވެ.
މި މޮޅާއިއެކު ލިވަޕޫލް ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެ ޓީމަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އާސެނަލަށް 15 މެޗުން ވަނީ 36 ޕޮއިންޓް ލިބިފައެވެ. މިރޭ އާސެނަލްއާއި އެސްޓަން ވިލާ ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް އަލުން ޖެހިލުމުގެ ފުރުޞަތު އާސެނަލަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!