މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީން "މަސްވެރިންގެ ގުންޒަރު"ގެ ނަމުގައި ހާއްސަ ފޯރަމެއް މިއަދު ފަށައިފިއެވެ.
ހ. މީރުމާ ހޯލުގައި ކުރިއަށް ގެންދާ މި ފޯރަމް އިފްތިތާހުކޮށް ދެއްވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
މި ފޯރަމް ޝަރަފްވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުމެއް އަބަދުވެސް ކުރިމަތިވެފައި އޮންނަ ދާއިރާ ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތަށް ހުރި ގޮންޖެހުންތަކުގެ އަޑު އަހައި އެކަމަަށް ޖުމްލަ ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށާއި މަސްވެރި ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ފަހި ގޮތް މަގުފަހިކޮށްދެއްވުމަކީ އެމަކިނުފާނު ބޭނުންފުޅުވާ ގޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ގުންޒަރުގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 40 މަސްވެރިން ބައިވެރިވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ފޯރަމަކީ މަސްވެރިކަމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސްވެރިންގެ ހިއްސާ އިތުރުކުރުމުގެ ގޮތުން މަސްވެރިންގެ ދުވަހާ ދިމާކޮށް ބާއްވާ މަޝްވަރާ ފޯރަމެއް ކަމަށެވެ. ފޯރަމްގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް މި ސިނާއަތާ ގުޅުންހުރި އެކިއެކި މައުލޫމާތު ދިނުމާއި ދިމާވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާއި މި ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ފޯރަމްގައި މަޝްވަރާ ކުރާ މުހިންމު ކަންކަމުގެ ތެރޭގައި ރާއްޖޭގެ ކަޅުބިލަ މަހުގެ މަސްވެރިކަމަށް ލިބިފައިވާ އެމްއެސްސީ ސެޓިފިކެޓް ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކާއި ޔޫރަޕާއި އެމެރިކާ ކަހަލަ މާކެޓްތަކަށް ބޮޑުކަންނެލީގެ އެކްސްޕޯޓް ކުރުން މެދުކެނޑުމެއް ނެތި ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކާއި ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ޑައިވިން އެކްސިޑެންޓްތައް މަދުކުރުމަށް މަސްދޯނިފަހަރުގައި ރެސްކިއު ޑައިވިން ސެޓިފައިވެފައިވާ ފަޅުވެރިން ތިބުމުގެ މުހިންމު ކަމާއި ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ގައެވެ. ސާޅީސް ތިން ވަނަ މަސްވެރިންގެ ދުވަސް މިފަހަރު ފާހަގަ ކުރާނީ މާލޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!