ރާއްޖެ އަަށް އަސާސީ އެއްވެސް ބާވަތެއް އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ސައީދު އެގޮތަށް ވިދާޅުވި އިރު، ރާއްޖެއަށް އެންމެ ގިނައިން ފިޔާ ގެންނަ އިންޑިއާ އިން ވަގުތީ ގޮތުން ފިޔާ ގައުމުތަކަށް އެކްސްޕޯޓް ކުރުން މަނާ ކުރުމުންނެވެ.

Ad
rt

ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް އަސާސީ އެއްވެސް ބާވަތެއްގެ މުދާ އެތެރެ ކުރުމުގައި ހުރަހެއް ނެތް ކަމަށެވެ. ރާއްޖެއާ އެކު ވިޔަފާރި ކުރާ އެކުވެރި ގައުމުތަކުން ރާއްޖެ އަށް އަބަދުވެސް އިސްކަން ދޭނެ ކަމުގައި ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކިއެކި ދުވަސްވަރު ހިނގާ ކަންކަން ކަންކަން ކަމަށެވެ.

"ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ނުވަތަ ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު އައުމަކީ އެކި ދުވަސްވަރު ހިނގާ ކަންކަން" ސައީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވާ ސިޔާސަތަކަށް އެމަނިކުފާނުގެ ކެމްޕެއިން ދުވަސްވަރުން ފެށިގެން އޮފީހާ ރަސްމީކޮށް ހަވާލުވުމަށް ފަހު ވެސް ބައްލަވަމުން އައީ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ގާއިމު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިންޝާ ﷲ އެކަން ކާމިޔާބު ކުރާނީ ދެމެހެއްޓެނިވި ވަށާޖެހޭ ހައްލަކާއެކު،" ސައީދު ވިދާޅުވިއެވެ.

އިންޑިއާގެ ''އިންޑިއާ ޓްޑޭ'' ނޫހުން ބުނެފައިވާ ގޮތުގައި އެ ގައުމުގެ ސަރުކާރުން ފިޔާގެ ބޭރުކުރުން ވަގުތީގޮތުން މަނާކުރީ ގައުމުގެ އެތެރޭގެ ފިޔާގެ ސްޓޮކް ރަނގަޅު ކުރުމަށާއި ފިޔާގެ އަގުތައް ބޮޑުވިޔަ ނުދިނުމަށެވެ. އަންނަ އަހަރުގެ މާރިޗްގެ 31 ގެ ނިޔަލަށް މި ފިޔަވަޅު ދަމަހައްޓަން އެ އިންޑިއާ ސަރުކާރުން ނިންމާފައިވާކަމަށް އެ ނޫހުގައި ބުނެފަވެއެވެ. އެ ގައުމުން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރިނަމަވެސް މިހާތަނަށް ފައިސާ ދައްކާފައިވާ ޝިޕްމަންޓުތަކާއި، ފުރުވާލުމަށް ތައްޔާރުކޮށްފައިވާ ޝިޕްމަންޓުތައް މި ނިންމުމުން އިސްތިސްނާވާނެއެވެ.

މީގެ ކުރިން އޯގަސްޓް މަހު އިންޑިއާއިން ވަނީ މުހިންމު އިންތިޚާބުތަކުގެ ކުރިން އިންފްލޭޝަން ކޮންޓްރޯލް ކުރުމުގެ މަސައްކަތެއްގެ ގޮތުން ފިޔާ އެކްސްޕޯޓް ކުރުމަށް %40 ކަސްޓަމްސް ޑިއުޓީ ނަގަންވެސް ނިންމާފައެވެ.

އިންޑިއާގެ ''ޓައިމްސް އޮފް'' އިންޑިއާއިން ބުނެފައިވާ ގޮތުގައި އަންނަ އަހަރު އެ ޤައުމުގައި އޮންނަ އާންމު އިންތިޚާބާއި ދިމާކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ފިޔާ، ހަކުރު އަދި ހަނޑޫ އަގުބޮޑުވުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އެ ނޫހުން ބުނެއެވެ.