ރޮނާލްޑޯގެ ކެރިއާގައި ކުޅުނު 1200 ވަނަ މެޗުގައި ވެސް އޭނާ ލަނޑުޖަހައިފިއެވެ.

ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އައް ރިޔާދު ބައްދަލުކޮށް 4-1 ގެ ނަތީޖާއިން ނަސްރު މޮޅުވި މެޗަކީ ރޮނާލްޑޯގެ ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއާގައި އޭނާ ކުޅުނު 1200 ވަނަ މެޗެވެ. އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް މިވަގުތު އޮތީ އިންގްލެންޑްގެ ކުރީގެ ގޯލް ކީޕަރ ޕީޓާ ޝިލްޓަން އަތުގައެވެ. އޭނާ ވަނީ 1387 މެޗު ކުޅެފައެވެ.

Ad
rt

ރޭ މެޗުގައި ރޮނާލްޑޯ ވަނީ އެއް ލަނޑުޖަހައި އެއް ލަނޑު ޖެހުމަށް އެސިސްޓް ކޮށްދީފައެވެ. މިވަގުތު ލީގުގެ ލަނޑު ލިސްޓްގެ އެއްވަނާގައި އޮތީ ވެސް އޭނާއެވެ. އޭނާ ވަނީ ލީގުގައި ކުޅުނު 15 މެޗުގައި 16 ލަނޑު ޖަހާފައެވެ.

ރޮނާލްޑޯގެ ކެރިއާގެ 1000 ވަނަ މެޗު އޭނާ ކުޅުނީ އިޓަލީގެ ޔުވެންޓަސްއަށެވެ. އެއީ 2020 ވަނަ އަހަރުއެވެ. އެ މެޗުގައި ވެސް އޭނާ ވަނީ ލަނޑުޖަހާފައެވެ.

ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އަލް ނަސްރުންނެވެ. މި ލަނޑު 31 ވަނަ މިނެޓުގައި މާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ރޮނާލްޑޯ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ އޮޓާވިއޯއެވެ.

މެޗުގައި ނަސްރަށް ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ޖަހައިދިނީ ޓަލިސްކާއެވެ. ރިޔާދުގެ ހަމައެކަނި ލަނޑު 68 ވަނަ މިނެޓުގައި ޖަހައިދިނީ އަންދްރޭ ގްރޭއެވެ.

ލީގު ތާވަލުގެ އެއްވަނާގައި އޮތީ އަލް ހިލާލެވެ. އެ ޓީމަށް 16 މެޗުން 44 ޕޮއިންޓް ލިބިފައިވާއިރު، އަލް ނަސްރު އޮތީ 16 މެޗުން ލިބުނު 37 ޕޮއިންޓާއިއެކު ދެވަނާގައެވެ. މި ދެ ޓީމްގެ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.