އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ފަހަތުން އަރައި ވެސްޓްހޭމުން ކާމިޔާބު ކޮށްފިއެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ޓޮޓެންހަމުން ލީޑުނެގި ނަމަވެސް ވެސްޓްހޭމުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި (2-1) މެޗުން މޮޅުވެފައެވެ.

މި ސީޒަންގެ ފުރަތަމަ ކޮޅު ޓޮޓެންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. މެޗަކަށްފަހު މެޗެއް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ. ނަމަވެސް މިހާރު އެ ޓީމްގެ ފޯމް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެންމެ ފަހުން ކުޅުނު ފަސް މެޗުން މޮޅެއް ނުލިބުނުއިރު، ހަތަރު މެޗުން ބަލިވެ އެއް މެޗު ވީ އެއްވަރެވެ. މި ކޮންމެ މެޗެއްގައި ވެސް ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އެ ޓީމުންނެވެ. ޓޮޓެންހަމް ވެފައި ވަނީ ޖެހިޖެހިގެން ފަސް މެޗުގައި ފުރަތަމަ ލަނޑުޖަހައި މޮޅެއް ނުލިބި ފަސް މެޗު ނިންމާލި ފިރަތަމަ ކުލަބަށެވެ.

Ad
rt

ރޭ މެޗުގެ 11 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލަނޑުޖަހައި ލީޑު ހޯދައިދިނީ ރޮމޭރޯއެވެ. ވެސްޓްހޭމުން ނަތީޖާ އަނބުރާލީ ފަހު ހާފުގައި ކާމިޔާބުކުރި ދެ ލަނޑުންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ބޮވެން ޖެހިއިރު މެޗުން މޮޅުވި ލަނޑު 74 ވަނަ މިނެޓުގައި ޖަހައިދިނީ ވާޑް ޕޯސޭއެވެ

މި މޮޅާއިއެކު ވެސްޓްހޭމް މިވަގުތު އޮތީ 15 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު ތާވަލުގެ ނުވަވަނާގައެވެ. މެޗުން ބަލިވި ޓޮޓެންހަމް މިހާރު އޮތީ ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ.