އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އޮންނާނީ ތަރައްގީ އަށް ކުރާ މަސައްކަތުގައި ބައިވެރިއެއްގެ ގޮތުގައި ކަމަށް އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ރަސްމީ ޖަލްސާގައި ޝާމިލް ވިދާޅުވީ ތަރައްގީ އަށް ހުރަސް އެޅިގެންދާ ފަދަ ގޮތަކަށް ކަންކަން ބައްޓަންވެ، އިންތިޒާމުވެގެން ދިއުމަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

Ad
rt

އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ނިޒާމުތައް ރައްކާތެރި ކުރުމާއި ދައުލަތުން އެކި ޕްރޮޖެކްޓްތަކުގެ އަމާޒު ކަމަށް ކަނޑައަޅާ ކަންކަން ހާސިލްވާނެ މަގަށް ބަޖެޓުތައް ބޭނުން ކުރެވެމުންދާ ކަން ކަށަވަރު ކުރެވިގެންދާނެ މަގުން ހިންގުމުގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި އޭސީސީ އޮތީ ތައްޔާރަށް ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ ރާއްޖޭގެ ކުންފުނިތަކާ މެދުގައި ރައްޔިތުންގެ ނުހަނު ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެ ކަންބޮޑުވުންތައް ފިލުވައިލުމަށް ޕްރައިވަޓައިޒޭޝަން ބޯޑާއެކުގައި މަސައްކަތްތަކެއް ފައްޓަވާފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގައި ޕަބްލިކް ޕްރޮކިއުމަންޓަށް ވަކި ގާނޫނެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ގާނޫނުގެ ތެރެއިން ކުންފުންޏާ ބެހޭ ކަންކަން ހަރުދަނާ ވެގެން ޕަބްލިކް ކުންފުނިތައް އިތުރަށް ހަރުދަނާ ވެގެން ހިނގަން ޖެހޭނެ ކަމާއި އޭގެ ގަވަނަންސް ހަރުދަނާ ވެގެން އަންނަން ޖެހޭނެ ކަމާއި ކޯޕަރޭޓް އިންޓެގިރިޓީ ކުރިއަރަން ޖެހޭ ކަމަށް ގަބޫލު ކުރަން،" ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އޭސީސީގެ ތަހުގީގުތައް ހަރުދަނާ ކުރުމަށް މުޅިން އާ ކޭސް މެނޭޖްމަންޓު ސިސްޓަމްތަކެއް ޔޫއެސް އެއިޑާއެކު މަސައްކަތްކޮށް، ތަރުތީބުކޮށް އެ ބޭނުން ކުރަން ފަށާ ހިސާބަށް ގެނެސްފައިވާ ކަމަށެވެ. އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭ ހެން މަދަނީ ޖަމިއްޔާތަކާ އެކުގައި ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ އެ ކޮމިޝަނަށް އެންމެ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވީ މިދިޔަ ރިޔާސީ އިންތިހާބާއި އިންތިގާލީ މަރުހަލާގެ ތެރޭގައި ކަމަށެވެ. އަދި އާ ސަރުކާރުން ވެސް ނަޒާހަތްތެރި ޖީލެއް ބިނާ ކުރުމަށް މަސައްކަތް ކުރާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިސްލާމް ދީނަކީ އެއަށް ވުރެ ނަޒާހަތްތެރި ދީނެއް ނުފެންނަ ފަދަ ފުރިހަމަ ދީނެއް. ހަމައެކަނި އެ ދީނުގެ ތެރޭގައި ހުރި އަސާސީ ނުކުތާތަކަށް އަޅުގަނޑުމެން ނަޒަރުކޮށްފި ނަމަ، އިނގިރޭސި ވިލާތް ވިޔަސް، ޖަރުމަނު ވިލާތް ވިޔަސް އެ ނޫން ކަރައަކުން ވިޔަސް ފެންނަން ހުރި ސިފަތައް. އެހެންވީމަ މީގެ އެތައް ހާސް އަހަރެއް ކުރިން އަޅުގަނޑުމެންގެ މައްޗަށް އަމަލު ކުރުން ލާޒިމްކޮށް މިއޮތް އަޅުގަނޑުމެންގެ ދުސްތޫރުގައި ލިޔެވިފައި އޮތީ ނަޒާހަތްތެރިކަމުގެ ސިފަތައް،" ޝާމިިލް ވިދާޅުވިއެވެ.