އެމަނިކުފާނުގެ ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ކޮމިޝަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ ނުވަތަ ހިޔާނާތުގެ އަމަލެއް ހިންގާކަން ސާބިތުވެއްޖެ ހާލަތެއްގައި އެ ފަރާތަކާ މެދުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު ފަސް ޖެހުމެއް ނެތި އަޅާނެ ކަމަށެވެ.

Ad
rt

"އެކަމުގައި އަޅުގަނޑުމެން އެއްވެސް ހިޔާލު ތަފާތުވުމެއް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.

ކޮރަޕްޝަނާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، ނަޒާހަތްތެރި މުޖުތަމައުއެއް ބިނާ ކުރުމަށް ކުރަން ހުރި ހުރިހާ މަސައްކަތެއްގައި އަދި އިލްމީ ފެންވަރެއްގައި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ފެހި ގާނޫނުއަސާސީގެ ދަށުން 2007 ވަނަ އަހަރު އުފެއްދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާތަނަށް އައިއިރު ގިނަ މަސައްކަތްތަކެއް ފުރިހަމަކޮށް، ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދިނުން ކަމަށެވެ.

"ކޮރަޕްޝަން އުފަންވާ ހާއްޔަކީ ހުދު ގިރުވާން ކަމަށް ބުނެވޭ. ކޮރަޕްޝަންގެ ކުށަކީ ހުދު ގިރުވާނުލީ ގިންތީގެ ކުށެއް ކަމަށް ބުނެވޭ. އޭގެ މާނައަކީ ނަހަމަ ގޮތުގައި ނުފޫޒު ފޯރުވުމުގެ ކުށް ހިނގަނީ ސިޔާސީ ގޮތުންނާއި މާލީ ގޮތުން މަތީ ދަރަޖަ އަށް ދެވިފައިވާ މީހުންގެ މެދުގައި ކަމަށް ބުނެވޭ. އެހެންކަމުން މި ތަނުގައި ލިބޭ ފިލާވަަޅަކީ ގައުމުގެ އިޖުތިމާއީ، ސިޔާސީ ހަރުގަނޑުން ތިމާ އަށް މައްޗަށް އެރުނު ވަރަކަށް އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ މަގަށް ބަލަން ފަރުވާތެރި ވާން ޖެހޭ ކަން،" އިހްލާސްތެރި، ދީންވެރި އަދި ގަދައަޅައި މަސައްކަތް ކުރާ ހިތެއްގެ ވެރިއަކަށް ވާން ޖެހޭ ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ކޮރަޕްޝަނަކީ ދިވެހިންނާއި ދިވެހިންގެ ރާއްޖެއާ ވަރަށް ބީރައްޓެހި އެއްޗެއް ކަމަށާއި ދިވެހި ތާރީހުގެ ފަތްފުތްތަކަށް ބަލާލުމުން މިކަމުގައި ވަރަށް ރީތި މިސާލުތަކެއް ފެންނަން އެބަހުރި ކަމަށެވެ.

"ފަހަރެއްގައި ދެރަ ކަންކަން ނެތެކޭ ނޫން. ގޯސް ކަންކަން ހިނގާފައި ނެތެކޭ ނޫން. އެކަމަކު ތާރީހަށް ބަލާއިރުގައި އިބުނު ބަތޫތާ ފަދަ ބޭރުގެ މުއައްހިރުންގެ ލިޔުއްވުންތަކުން ފެންނަނީ ދިވެހިންގެ މައި ސިފަތައް. ހަރުދަނާ އަހުލާގު. ދީނަށް ކަމޭ ހިތުން. ވެރިކަމުގެ ނިޒާމަށް ބެލި ކަމުގައި ވިޔަސް އިބުނު ބަތޫތާ ރާއްޖޭގައި އުޅުއްވި ދުވަސްވަރު ވެސް ރަސްކަމުގެ ފަރާތުން ފަނޑިޔާރު ވަނީ މިނިވަން. އެކަމަށް އެމަނިކުފާނު ތައުރީފް ކުރައްވާފައިވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ގައުމީ މަސައްކަތަކަށް ހަދަން ޖެހޭ ކަމުގައި ވިދާޅުވެފައެވެ.