އިނިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ލޫޓަން ޓައުން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ޑެކްލަން ރައިސް ޖެހި ލަނޑުން އާސެނަލް މޮޅުވެއްޖެއެވެ.

ޖުމްލަ ހަތްލަނޑު ފެނިގެންދިޔަ މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 4-3 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު އެ ޓީމަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމް އެއްވަނާގައި އޮތީ ކުޅުނު 15 މެޗުން ހޯދި 36 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ލިވަޕޫލަށް އާސެނަލްއަށްވުރެ އެއް މެޗު މަދުން ކުޅެގެން ލިބިފައި ވަނީ 31 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މިވަގުތު އޮތީ ތިންވަނާގައެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ.

Ad
rt

ލޫޓަންގެ ދަނޑުގައި ރޭ އާސެނަލުން ވަނީ މޮޅަށް ކުޅެފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ބުކަޔޯ ސަކާ ލޫޓަންގެ އޭރިއާތެރެއަށް ތިރިން ހުރަސްކުރި ބޯޅަ ދުރުކަނަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާޓިނެލީއެވެ.

އާސެނަލުން ލަނޑުޖެހިތާ ފަސް މިނެޓް ފަހުން ލޫޓަންގެ އޮޝޯ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ޖީސަސްއެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓް ބެން ވައިޓް ހުރަސްކުރި ބޯޅަ ޖީސަސް ވަނީ ހުހަށް ހުރެ ބޮލުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ތެރޭ ލޫޓަން އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ލިބުނު ކޯނަރަކުން ތަނަވަސްވީ ފުރުސަތުގައި ކާމިޔާބު ކޮށްދިނީ އަޑެބަޔޯއެވެ. އޭގެ އަށް މިނެޓް ފަހުން ލޫޓަންގެ ބާކްލީ ވަނީ ލަނޑުޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. މި ދެ ލަނޑުގައި ވެސް އާސެނަލް ގޯލު ބެލެހެއްޓި ޑޭވިޑް ރަޔާއަށް މާ އެދެވޭ ގޮތެއްގައި މަސައްކަތް ނުކުރެވުނެވެ.

އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 60 ވަނަ މިނެޓުގައި ކައި ހަވާޓްޒްއެވެ. މެޗު އެއްވަރުވެގެން ނިމެންދަނިކޮށް އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ވެސް ފަހުވަގުތު މާޓިން އޮޑެގާޑް ހުރަސްކުރި ބޯޅަ ޑެކްލަން ރައިސް ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.