ފެނަކަ ކޯޕަރޭޝަނުން ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދާ ކަމަަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިއަދު ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އެ ވާހަކަތައް ފަތުރަނީ ކަމުގެ ހަގީގަތް އޮޅުވާލައި ނާޖައިޒު މަގުސަދެއް ހާސިލް ކުރުމަށް ރޭވުންތަކެއްގެ ތެރެއިން ކަމަށެވެ.
ފެނަކައިން ބުނީ ބައެއް ރަށްރަށުގައި އިންޖީނުގެ އާއި އޮފީސް އިމާރާތްކުރުމަށް ފަށާފައިވާ މަޝްރޫއުރައް ނިމި ބައެއް މަޝްރޫއުތަކަށް ބޭނުންވާ ތަކެތު ހުސްވެ، ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތް އިރު އެ މަޝްރޫއުތަކަށް ކޮންޓްރެކްޓް އުސޫލުން ނަގާފައިވާ ވަގުތީ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަަތު ރިޔާސީ އިންތިޚާބާ ދިމާކޮށް 30 ނޮވެމްބަރަށް އިތުރު ކުރި ކަމަށެވެ. މިއީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ދަމެހެއްޓެނިވި ގޮތެއްގައި އިތުބާރާ ޔަގީންކަމާއެކު ފޯރުކޮށްދިނުމަށް ހުރަސް އެޅޭގޮތަށް ކޮށްފައުވާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެކަން އެގޮތަށް ކޮށްފައިވާތީ ކުންފުންޏާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭ މަގުން ކަންކަން އިންތިޒާމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެ. އެގޮތުން، ފާއިތުވި ތިން މަސްދުވަހު އެއްވެސް މަސައްކަތެއް ނެތް މަޝްރޫއުތަކަށަ ވަގުތީގޮތުން ނަގައި 30 ނޮވެމްބަރަށް ކޮންޓްރެކްޓް މުއްދަތު ހަމަވާ ކޮންޓްރެކްޓުތައް އައު ނުކުރަން ނިންމާފައިވާ ކަަމަށް ބުންޏެވެ.
ފެނަކައިން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ މުވައްޒަފުންގެ އޮނިގަނޑުން ބޭރުންވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގައި ދާއިމީ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ދާއިމީ މުވައްޒަފަކު ވަކި ކުރުމަކީ އައު މެނޭޖްމަންޓުން ކުރަން ނިންމާފައިވާ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ވަނީ ކަމުގެ ހަގީގަތް ހާމަކުރުމެއް ނެތި ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!