ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ދިވެހިންގެ ރާއްޖެއެއް ހޯދައި ދިނުމުގެ ވައުދާ އެކު ނަމަވެސް ރާއްޖެ މިހާރު ބަދަލުވެފައި ވަނީ "އަދުރޭގެ ރާއްޖެ" އަކަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.
ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ ފެނަކަ މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"މި ސަރުކާރު އައީ ދިވެހިންގެ ރާއްޖެ ކަމަށް ބުނެ، މިހާރު މިހާރު މި ބަދަލުވެފައި ވަނީ އަދުރޭގެ ރާއްޖެއަށް، އަދުރޭގެ އާއިލާ އަށް ވަންހަ ދިދަކޮޅު ފޯރި އެންމެންނަށް މަގާމުތައް ދޭން ޖެހިގެން މި ޖެހުނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ވަޒީފާ ގެއްލެން،" ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އަށް އިޝާރާތް ކުރައްވައި އަނދުން ހުސެއިން ވިދާޅުވިއެވެ.
އަނދުން ހުސެއިން ވިދާޅުވީ ވަޒީރުންނަށް ރުހުން ދޭން ބޭނުންވާ ނަމަ، ފުރަތަމަ ކަމަކަށް ރައްޔިތުން މަގާމުތަކުގައި ބައިތިއްބަން ޖެހޭނެ ކަމަށެވެ. އެމެރިކާގެ ރައްޔިތުންނާއި އިނގިރޭސި ވިލާތުގެ ރައްޔިތުންނާއި ކެނެޑާގެ ރައްޔިތުން ކެބިނެޓަށް އައްޔަންކޮށްފައި ފެނަކައިގައި މަސައްކަތް ކުރާ ދިވެހި ރައްޔިތުން ކަނޑައި ގެއަށް ފޮނުވާލާ ތަން ބަލަން ނުތިއްބަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ގަދަ ކަމެއް ކަމަށް، މޮޅު ކަމެއް ކަމަށް ދެކި މަޖިލިހަށް ސީވީ ފޮނުއްވި ބައެއް މިނިސްޓަރުންގެ ސީވީ މަތީގައި ބޮޑު އަކުރުން ތިމަންނައަކީ އިނގިރޭސި ވިލާތުގެ ރައްޔިތެކޭ ބުނަނީ. މިވަރަށް ބުރާންތި އަރާފައި ތިއްބެވި މިނިސްޓަރުން ގެނެސް ވަޒީފާ ދީފައި ކޮންމެ ދުވަހަކު ދިދަ ނަގައިގެން ކާރު ދުއްވަން އަންގާފައި އަތޮޅު ތެރޭގައި ބުރަ މަސައްކަތް ކުރާ ފެނާއި ނަރުދަމާ އާއި ކަރަންޓާއި އައިސް ޕްލާންޓާއި ބޮޓްލިން ޕްލާންޓްގެ ހިދުމަތްދޭން ތިބި ރައްޔިތުން ކަނޑާ ގެއަށް ފޮނުވާލާފައި ކާކަށް ވެރިކަން ކުރަން؟" އަނދުން ހުސެއިން ވިދާޅުވިއެވެ.
ރައްޔިތުންނާ މެދުގައި އަނިޔާވެރިވާ ނަމަ، މި ސަރުކާރު މިގޮތަށް ނުބާއްވައި ބާލަން އަނދުން ހުސެއިން ވަނީ އެމްޑީޕީ އަށް ގޮވާލައްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!