ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މޭޒުގައި ހުރި މައިކު އޭނާ އަމިއްލަ އަށް ބިންދާލި މައްސަލަ މަޖިލީހުގެ ސުލޫކާއި އިމްތިޔާޒާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ޖާބިރުގެ މޭޒުމަތީގައި ބަހައްޓާފައިވާ މައިކްރޯފޯނު ބަދަލު ކުރަންޖެހޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި އެ ބަދަލުކުރުމަށް 5،100ރ. ހަރަދު ވާނެ ކަމަށް މަޖިލިހުގެ އިދާރާ އިން ބުނެފައިވާ ކަމަށެވެ.

Ad
rt

އަސްލަމް ވިދާޅުވީ މެމްބަރުން އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލު ކުރެވިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލިހުގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 110 ވަނަ މާއްދާގެ (ކ) ގައި އިމްތިޔާޒާއި ސުލޫކީ ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި މެމްބަރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާއި ހިލާފަށް ނުވަތަ ގާނޫނާއި ގަވައިދާއި ހިލާފަށް މެމްބަރުން ކަމެއް ކޮށްފިކަމުގެ ތުހުމަތު ކުރެވިއްޖެ ހިނދެއްގައި އެކަމެއް ބަލައި ތަހުގީގުކޮށް ގަވައިދާ ހިލާފުވި މެމްބަރަކާއި މެދު އަޅަންވީ އިސްލާހީ ފިޔަވަޅުގެ ލަފާ މަޖިލީހުގެ ރައީސްއަށް އެރުވުން ހިމެނުން ހިމެނިފައިވާތީ މިކަމާއި ގުޅިގެން އިމްތިޔާޒާއި ސުލޫކީ ކޮމިޓީގެ ލަފައެއް ހޯދުމަށް އެކޮމިޓީއަށް މިމައްސަލަ ފޮނުވާނެކަން ދަންނަވަން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ މަޖިލީހުގެ އިދާރާގައި ހުންނަ ތަކެއްޗަކީ ދައުލަތުގެ މުދާކަން ހަނދުމަކޮށް އެތަކެއްޗަށް ގެއްލުން ނުދިނުމަށް މެމްބަރުންނަށް އިލްތިމާސް ކުރައްވައިފައެވެ.

އިއްޔެގެ ޖަލްސާގައި އަޑުގަދަކޮށް އިހްތިޖާޖް ކުރެއްވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގައި މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމަށް ރޭ ބޭއްވި ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން ހިތްހަމަޖެހިވަޑައިނުގަންނަވާތީއެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަޑައިގަތީ މެމްބަރުންނަށް ރިޝްވަތު ދެއްވައިގެންނެވެ.

މަޖިލިހުގެ ނައިބް ރައީސް ކަމަށް ސަލީމް އިންތިހާބުވެވަޑައިގަތީ 51 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ.