މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފިއެވެ.
ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ 18 އަހަރާއި 19 އަހަރާއި 20 އަހަރާއި 23 އަހަރުގެ ދިވެހި ފިރިހެނުންނެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން ނަމަ، މި ހަތަރު މީހުންނަކީ ވެސް މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ މީހުންނެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ ކޯޓަށް ގެންދިއުމުން އެ އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ ނިންމައިފައެވެ.
ހިތަދޫގައި ދެ ގޭންގެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އެ މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު އިރު، އެމީހާގެ ހާލު ސީރިއަސްއެވެ. އެމީހާ އަށް ފަރުވާ ދެނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައެވެ.
ހުކުރު ދުވަހުގެރޭ ހިންގި މާރާމާރީ އަށް ފަހު އިއްޔެ ވެސް ހިތަދޫގައި މާރާމާރީއެއް ހިންގާފައިވެއެވެ. ގްރޫޕަކުން ގެއަކަށް ވަދެ ވަޅިން ދިން ހަމަލާގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.
މި މާރާމާރީތަކާ ގުޅިގެން ފުލުހުން ވަނީ އައްޑޫގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!