އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރުކަމަށް ކުރިމަތިލައްވަން ނިމަވާފައިވާކަން ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަހްމަދު މުއިއްޒު މިއަދު ޢިއުލާން ކުރައްވައިފިއެވެ.
މުއިއްޒު މިއަދު ''އެކްސް''ގައި ކުރެއްވި ޕޯސްޓެއްގައި މިކަން އިއުލާން ކުރައްވައި، މައްޗަންގޮޅި އުތުރު ދާއިރާގެ އެންމެހައި ރައްޔިތުންގެ ތާއީދާއި އެއްބާރުލުމަށް ވަނީ އެދިވަޑައިގެންފައެވެ.
އަންނައަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާކަން ހާމަކުރައްވާފައިވާއިރު، އޭނާ ވަނީ މީގެކުރިން ވެސް ދެ ފަހަރެއްގެ މަތީން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ތިލަދުންމަތީ ދެކުނު ބުރި / ހއ. ގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި، މާލޭ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރުކަމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފީމެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ އެންމެހައި ރައްޔިތުންގެ ތާއީދާއި އެއްބާރުލުމަށް އިޚްލާސްތެރިކަމާއެކު އެދި ދަންނަވަމެވެ.
— Ahmed Muizzu (@AhmedMuizzu) December 3, 2023
އާންމުގޮތެއްގައި ސިޔާސީ ވާހަކަ އެހާބޮޑަށް ނުދައްކަވާ މުއިއްޒަކީ ގާނޫނީ ވަކީލު ކަމާއި ބާ ކައުންސިލްގެ މެންބަރުކަން އަދި ކުރީގެ ޖިނާއީ ކޯޓްގެ އިސް ގާޟީގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމާއި ބަންޑާރަ ނައިބު އޮފީހުގެ އިސް ގިނަ މަގާމުތަކެއް ވެސް ވަނީ އަދާކުރައްވާފައެވެ.
ބެލެވޭ ގޮތުގައި މުއިއްޒު 20 ވަނަ މަޖިލީހުގެ އިންތިިޚާބުގައި ވާދަކުރައްވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.
އަންނަ މަޖިލިސް އިންތިޚާބު މިހާރު އޮތް ގޮތުން އޮންނާނީ އަންނަ ރޯދަ މަހަށްފަހުއެވެ. އެ އިންތިޚާބު ބާއްވާނެ ސީދާ ތާރީޚެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި އިއުލާން ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!