ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމުން އޭނާ ވަކި ކުރަން ހިފީ ކުރީ ސަރުކާރާ ދެކޮޅަށް ތެދުވެ އަޑު އުފުއްލެވުމުން ކަމަށާއި މިއީ އެމްޑީޕީގެ ސަރުކާރުން އޭނާ އަށް ދިން އަދަބެއް ކަމަށް މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ އިސްތިއުފާ ދެއްވާފައި ވަނީ އޭނާއާ ދެކޮޅަށް މަޖިލިހަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދަނިކޮށެވެ. އީވާ މަގާމުން ވަކި ކުރަން މަޖިލިހަށް ހުށަހެޅުއްވީ އެމްޑީޕީގެ 49 މެމްބަރުންނާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ސޮޔާއެކުގައެވެ.

Ad
rt

އެ ގަރާރަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ވެސް ވާހަކަ ދެއްކެވީ އީވާއެވެ. އޭނާ ވަނީ އެ މައްސަލައިގައި ގާތްގަނޑަކަށް ބައިގަޑިއިރެއް ހާއިރު، މައްސަލަ އަށް ޖަވާބުދާރީވެވަޑައިގެންފައެވެ. އެއަށް ފަހު، އީވާ ވަނީ އިސްތިއުފާގެ ސިޓީ އިދާރީ މޭޒާ ހަވާލު ކުރައްވައިފައެވެ.

މަޖިލިހުގެ ތަޅުމުގައި އީވާ ވިދާޅުވީ މަޖިލިހުގެ ނައިބު ރައީސް ކަން ކުރެއްވުމުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި މަޖިލިހުގެ ގަވައިދަކާއި ސުޕްރީމް ކޯޓުގެ ހުކުމަކާ ހިލާފުވެވަޑައިގެންފައި ނޯންނާނެ ކަމަށެވެ.

"އެމްޑީޕީއެއް، ޕީޕީއެމެއް، ޕީއެންސީއެއް، ޖުމްހޫރީ ޕާޓީއެއް، އަދި އެހެން ސިޔާސީ ޕާޓީއެއްގެ ނުވަތަ އަމިއްލަ އިއްޒަތްތެރި މެމްބަރަކު ވެސް މި ތަނުގައި ނީންނަވާނެ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަން ކުރުމަށް އަޅުގަނޑު ނާގާބިލްއޭ ވިދާޅުވާނެ." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ހުށަހެޅި މައިގަނޑު ސަބަބަކީ، "ނާގާބާލު، ކިބުރުވެރި" ސަރުކާރަކާ ދެކޮޅަށް ތެދުވެ، އެ ސަރުކާރަށް "ނާގާބިލު ކިބުރުވެރި ސަރުކާރެކޭ ބުނުން" ކަމަށެވެ.

"ހަގީގަތަކީ، އެ ސަރުކާރުން މާ ބޮޑަށް އަޅުގަނޑާ ނުުރުހުނީ. އަދި އަޅުގަނޑު ވެސް މާ ބޮޑަށް އެ ސަރުކާރާ ނުރުހުނީ. އެހެންވީމަ، އިއްޔެގެ އެމްޑީޕީގެ ސަރުކާރާ ނުރުހިގެން، އަޅުގަނޑު ބަސް ބުނެގެން، އަޅުގަނޑަށް ދޭ އަދަބު މިއީ." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ހިންގި ވެންޓިލޭޓަރު ހިޔާނާތާ ގުޅޭ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރަށް ފަހު، އޮޑިޓަ ޖެނެރަލް ހިންގެވި ފުރަތަމަ ދިރާސާ އިން އެ ވެންޓިލޭޓަރުގެ ވައްކަން ހާމަވި ދުވަހު މި އަދަބު ދޭނެ ކަން އެނގިވަޑައިގެންނެވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ ދަރަނި އެކުލަވާނުލައިގެންނާއި އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ އާއި މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ އާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމުގައި ސަރުކާރުން އިހުމާލުވެފައިވާތީ އެކަމާ ދެކޮޅަށް ބަސް ވިދާޅުވުމުން އޭނާއާ ސަރުކާރުން ދިމާކުރާނެ ކަން އެނގިވަޑައިގެންނެވި ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ނާޖައިޒު ކަންކަން ކުރާ މީހުންގެ ވާހަކަ ދެއްކީމަ، އެ ދައްކާ މީހާ އަށް އަދަބެއް ދެވިދާނެ ކަމަށެވެ. އެކަމަކު، މަގާމެއް ދިފާއު ކުރުމަށް ބޭއިންސާފުން ދާ ގަޑިއެއްގައި ދޫ ބަންދުކޮށްގެން އިނުން އެއީ އޭނާ ދަންނަ ތަރުބިއްޔަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ވާހަކަތައް ދައްކާ މީހުން ކުށްވެރި ކުރެވިދާނެ. އެ ވާހަކަތައް ދައްކާ މީހުން ކުށްވެރި ކުރުމަކީ އެމްޑީޕީ އަށް ވަރަށް ހައްޓަށް ފަސޭހަ ގޮތަކަށް ވެސް ވެދާނެ. އިސްލާހުގެ ވާހަކަ ދައްކާ މީހުން ކުށްވެރި ކުރީމާ ދުވަހަކު ވެސް ތިމާ މީހާ ޒިންމާ ނަގާކަށް ނުޖެހޭ. ދުުވަހަކު ވެސް ތިމާ މީހާ އިސްލާހު ވާކަށް ނުޖެހޭ." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭނާގެ ބެއްލެވުމުގެ ދަށުން މި މަޖިލިހަކީ އެންމެ ދެފުށް ފެންނަ މަޖިލިހަށް ވަނީ ހެދިފައެވެ. ނަވާރަ ވަނަ މަޖިލިހަކީ މެމްބަރުންގެ ހަރަދު އެންމެ ކޮންޓްރޯލް ކުރެވުނު މަޖިލިހަށް ހެދިފައިވާ ކަމަށް އީވާ ވިދާޅުވިއެވެ. އަދި ހާޒިރީއާ އެއްގޮތަށް މަޖިލިހުގެ މެމްބަރުންގެ މުސާރަ ކަނޑަން ފެށި ފުރަތަމަ މަޖިލިހަކީ ވެސް ނަވާރަ ވަނަ މަޖިލިިސް ކަމުގައި އޭނާ ވިދާޅުވިއެވެ.

އީވާ ފާހަގަ ކުރެއްވި ކަންކަން:

- ހާޒިރު ނުވާ މެމްބަރުންގެ މުސާރަ އަލަށް ކަނޑަން ފެށިން.
- މެމްބަރުންގެ ވީއައިޕީ ހަރަދުތައް ކޮންޓްރޯލް ކުރިން.
- މުވައްޒަފުންނަށް އެންމެ ގިނަ އިން ތަމްރީން ދެވުނީ 19 ވަނަ މަޖިލިހުގައި.
- ކޮވިޑްގެ ހާލަތުގައި މަޖިލިސް މެދުކަނޑާނުލައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ.
- ކޮވިޑްގެ ހާލަތުގައި ވެކްސިން ޖަހައި ދިނުމުގެ ހިދުމަތް ގޯތިތެރޭގައި ދެވުނު.
- އަންހެނުންނާއި ޒުވާނުންނަށް ޕްރެކްޓިސް ޕާލަމެންޓް ހިންގުނު.
- މަޖިލިހަކީ ސައިން ލެންގުއޭޖް އިން ގެނެސްދޭ މަޖިލިހަކަށް ހެދި.
- މައިނޯރިޓީ އަށް ފުރިހަމަ އަށް ވަކާލާތު ކުރުމުގެ ފުރުސަތު ދިން.
- ހުރިހާ މެމްބަރުންނަށް ވެސް ވަސީލަތްތައް ހަމަހަމައަށް ލިބޭ ގޮތަށް ހެދިން.