މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން އެ ސިޓީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާލޭގައި ހިންގި މާރާމާރީ އާއި އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ހާއްސަ މަސައްކަތްތަކެއް ފުލުހުންގެ ހިދުމަތުން ފަށާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން އައްޑޫގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުންގެ އިތުރު ޓީމުތަކެއް އައްޑޫ ސިޓީ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅުން ހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި ޒަހަމްވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާ އަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު ހާލު ސީރިއަސް ކަމަށްވެއެވެ.

މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އައްޑޫގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ހަތަރު މީހުންނަކީ މިކަމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެމީހުން ރޭގެ ދަންވަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އަމާންކަން ގާއިމު ކުރުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.