ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް އަހްދޫދް ކޮޅަށް ރޮނާލްޑޯ ޖެހި ލަނޑުތަކުން އަލް ނަސްރު މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް އަލް ހިލާލްއާއި ޕޮއިންޓަކާއި ކައިރިއަށް އެ ޓީމް ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި އަލް އަހްދޫދް އާއި ދެކޮޅަށް ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އަލް ނަސްރަށް ފުރަތަމަ ލަނޑު ޖަހައިދިނީ ސަމީ އަލް ނާޖީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ސުލްތާން އަލް ގަނަމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގައ އަލް ނަސްރުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖެހީ ރޮނާލްޑޯއެވެ. ފުރަތަމަ ލަނޑު 77 ވަނަ މިނެޓުގައި ޖެހިއިރު ދެވަނަ ލަނޑު ޖެހީ އޭގެ ތިން މިނެޓް ފަހުންނެވެ. މިއީ ރޮނާލްޑޯ ސައުދީ ލީގުގައި މި ސީޒަންގައި ކުޅުނު 14 މެޗުގައި ޖެހި 15 ވަނަ ލަނޑެވެ. މި އަހަރު މިހާތަނަށް ރޮނާލްޑޯ ކުޅުނު 52 މެޗުގައި އޭނާ ވަނީ 48 ލަނޑުޖަހައި 13 އެސިސްޓް ކޮށްފައެވެ. މި އަހަރުގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި ވެސް އޮތީ 38 އަހަރުގެ ރޮނާލްޑޯއެވެ.

މި މޮޅާއިއެކު އަލް ނަސްރުން ވަނީ އެއްވަނާގައި އޮތް އަލް ހިލާލްއަށް ވުރެ އެއް މެޗު އިތުރަށް ކުޅެ އެ ޓީމާއި އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. އަލް ހިލާލް އެއްވަނާގައި އޮތީ 13 މެޗުން ލިބުނު 35 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އަލް ނަސްރު އޮތީ 14 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.