ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް ތިން މެންބަރުން ޢައްޔަނު ކުރައްވައިފިއެވެ.

ޕީސީބީގެ ބޯޑަކީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ތަނެކެވެ.

Ad
rt

މި ބޯޑަށް ރައީސް އަލަށް ޢައްޔަނު ކުރެއްވި ބޭފުޅުންނަކީ:

  • އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤު
  • ބޭންކިންގގެ ދާއިރާއިން: ވ. ބްލޫއޯޝަން، ލީނާ ޢަބްދުލްޖަލީލް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: ރަންކޮކާގެ، ށ.ކޮމަންޑޫ، އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް

ގާނޫނު ބުނާ ގޮތުން އެ އިދާރާގެ ބޯޑަކީ ރައީސް އައްޔަން ކުރައްވާ ހަތް ބޭފުޅުންގެ މައްޗަށް ހިމެނޭ ބޯޑެކެވެ. އަދި އެ ބޯޑުގެ މެންބަރުންނަށް އައްޔަން ކުރައްވާ ފަރާތްތަކަށް މަޖިލީހުން ރުހުން ހޯދަން ޖެހެ އެވެ.

ރައީސް ޕީސީބީގެ ބޯޑަށް ތިން މެންބަރުން ޢައްޔަނު ކުރައްވާފައި މިވަނީ، އެ ބޯޑުގެ ޤާނޫނީ ޢަދަދާއި ގުޅިގެން އައު ސަރުކާރުން ކުންފުނިތަކަށް ވެރިންނާއި ބޯޑު މެންބަރުން ޢައްޔަނު ކުރުމަށް ދަތިތައް ކުރިމަތިވެފައި ވަނިކޮށެވެ. ދައުރު ބަދަލުވިއިރު، އެ ބޯޑުގެ މެންބަރުންގެ ތިން ޖާގަ އޮތީ ހުސްކޮށެވެ.