މިފްކޯގެ ފްލީޓަށް އިތުރު ކުރުމަށް އެ ކުންފުނިން އިތުރަށް ގެންނަ 3 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެއަށް ގެނެސްފިއެވެ.
"ޖަޒީރާ 106" ގެ ނަމުން ނަން ދީފައިވާ މި ބޯޓު މާލެއަށް ބަނދަރު ކުރީ ހޯމަ ދުވަހުގެ ރޭއެވެ. މިފްކޯއިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ ބޯޓުގެ ކްރޫ ބަދަލު ކުރުމާއި ކަސްޓަމްސް ކްލިއަރެންސް ހޯދައި ލޯކަލައިޒް ކުރުމުގެ މަސައްކަތެވެ.
މި ބޯޓުގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން އިތުރު ދެ ބޯޓު ގެނައުމަށް މިފްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ "ޖަޒީރާ 104" އާއި "ޖަޒީރާ 105" އެވެ.
ޖަޒީރާ ސީރީޒްގެ މި ބޯޓުތަކުގެ ކޮންމެ ބޯޓަކުން ވެސް ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭނެ ކަމަށާއި 200 ޓަނު މަސް ރައްކާ ކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ. އެހެންކަމުން، އެ ތިން ބޯޓާއެކު މިފްކޯއަށް ދުވާލަކު އިތުރަށް 180 ޓަނުގެ މަސް ގަތުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަލަށް ގެންނަ ޖަޒީރާ ސީރީޒްގެ ތިން ބޯޓު މިފްކޯގެ ފްލީޓާ ގުޅުމުން ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ވަނީ އެ ކުންފުނީގެ ފްލީޓު ބޮޑުކޮށް ކެޕޭސިޓީ އިތުރުކުރުމަށް މިއަހަރު 4 ބޯޓު ގަނެފައެވެ. މީގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 103" ވަނީ މިއަހަރުގެ މާޗު މަހު ރާއްޖެ ގެނެސް އޮޕަރޭޝަން ފަށައިފައެވެ. އެ ބޯޓުން ދަނީ ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުންނެވެ.
މިފްކޯއިން ބުނި ގޮތުގައި މި ހިނގަމުންދާ ފަސް އަހަރު ދުވަހުގެ ތެރޭގައި ކެރިއަރ ބޯޓުތަކާއެކު ޖުމްލަ ހަ ބޯޓު އެ ކުންފުނީގެ ފްލިޓަށް ވަނީ އިތުރު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!