ރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލިހުން ނިންމައިފިއެވެ.

ރާއްޖެ އާއި ސައުދީއާ ދެމެދު އެފަދަ އެއްބަސްވުމެއް ގާއިމު ކުރަން ނިންމީ ސައުދީގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒް ބައިވެރިވެވަޑައިގެންނެވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

ސައުދީގެ އުމީ ނިއުސް އޭޖެންސީ "ވާސް" އިން މިއަދު ބުނީ ވިޔަފާރީގެ މި އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދާނީ ސައުދީ އަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށެވެ.

ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސައުދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެ ގައުމުގެ މިނިސްޓަ އޮފް އިކޮނޮމީ އެންޑް ޕްލޭނިން ފައިސަލް ބިން ފާދިލް އަލްއިބްރާހިމެވެ. މުއިއްޒު ވަނީ އެ މިނިސްޓަރާ ބައްދަލު ކުރައްވައި ވިޔަފާރި އާއި އިގްތިސާދީ ދާއިރާއާ އެ ނޫން ވެސް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާކޮށްފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ސައުދީ އަށެވެ. އެކަމަކު، މި ދަތުރުފުޅާ ބެހޭ އެއްވެސް މައުލޫމާތެއް ސައުދީން އަދި ރާއްޖެއަކުން ވެސް ނުދެއެވެ.