ރައްޔިތުންގެ ފައިސާ އިން ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ ގަވައިދާ ހިލާފު ކަމެއް ކަމަށާއި އެއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސް މުއިއްޒު ވަނީ އުވާލައްވައިފައެވެ.
ރައްޔިތުންގެ ފައިސާއިން ގަވާއިދާއި ޚިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮަތަކަށްވެސް ކުރެވިގެންވާނޭ ކަމެއްނޫން. https://t.co/oc0RxYzENC
— Dr Mohamed Muizzu (@MMuizzu) November 21, 2023
އެ ކޮމިޓީ އުވާލެއްވުމަށް ފަހު، ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ގަވާއިދާ ހިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮަތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.
"ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ނަމުގައި ގާނޫނީ އޮނިގަނޑެއް އަދި ގާނޫނީ ބާރެއް ނެތި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެކުލަވާލާފައިވާ އުސޫލު އުވާލާފައި ވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ދެއްވި ލަފައަކާ ގުޅިގެންނެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސެޓްލްމަންޓް ކޮމެޓީ މިއަދު އުވާލި އިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައި ކަމަށެވެ. ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްތަކާއި ފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ބަޔާނުގައިވެއެވެ.
މި އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއް ވެސް ނެތި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ)އާ ހިލާފަށް ކަމަށް ވެސް ބަންޑާރަ ނައިބުގެ ލަފާ ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ޝަރުއީ މަރުހަލާގައި މައްސަލަަތައް ކުރިއަށް ދަނިކޮށް، ބަންޑާރަ ނައިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި ފަސް މައްސަލައެއް ކުރީގެ ސަރުކާރުން ވަނީ ނިންމައިފައެވެ. މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމީ ބަންޑާރަ ނައިބުގެ ފަރާތުން ޝަރުއީ މަރުހަލާގައި ފާހަގަކުރަމުންދިޔަ ނުކުތާތަކަށް ވެސް ބެލުމެއް ނެތި އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ރައުޔާ ވެސް ހިލާފަށް ކަމަށް ބަންޑާރަ ނައިބުގެ ލަފަޔާ ހަވާލާ ދީ ރައީސް އޮފީހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!