ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 75 އިންސައްތަ ވަނީ ނިމިފައެވެ. އަދި ރޭމްޕް ހެދުމާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން ކުރިއަށްދަނީ މިހާރު ހުރި ނެރު ބަންދު ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، 14,844 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 15,822 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 175 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ފުޅާ 244 މީޓަރު ދިގު ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ 36.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.