މާލޭގެ މޭޔަރު ކަމަށް ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރައްވާނީ ސައިފް

Saif Male City councilor - Galolhu Uthuru

މާލޭގެ މޭޔަރަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓު ވާދަކުރައްވާނެ ކެންޑިޑޭޓަކީ މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީ އަށް ކުރިމަތިލުމަށް މި މަހުގެ 5 ވަނަ ދުވަހު އިއުލާންކޮށްފައިވާ މުއްދަތުގައި އެ މަގާމަށް ވާދަކުރުމަށް ހުށަހަޅުއްވާފައި ވަނީ ސައިފް އެކަނި ކަމަށެވެ.

އެހެންވެ، ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ ބައި އިލެކްޝަނަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނީ ސައިފް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ކުރިން އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވުމުންނެވެ. ރިޔާސީ އިންތިހާބަށް ފަހު، މާލެ ސިޓީ ކައުންސިލްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއެވެ.

މާލޭގެ މޭޔަރު ކަމަށް ސައިފްގެ އިތުރުން ދެން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި މަހްލޫފް ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވި އިރު، އާޒިމާ އާއި ހުސެއިން ވަހީދު ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައެވެ.

މާލޭގެ މޭޔަރަކު ކަނޑައެޅުމަށް ބާއްވާ އިންތިހާބު އޮންނާނީ ޖެނުއަރީ މަހުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި