ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުން މިހާރު ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް މައްޗަށް ޖެއްސުން ކަމަށް "ވިޒިޓާ އިކޮނޮމިކް ކައުންސިލް"ގެ ކޯ ޗެއާ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން އަލަށް އުފެއްދި ވިޒިޓާ އިކޮނޮމިކް ކައުންސިލުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެ ކައުންސިލަކީ ދުރުރާސްތާ އާއި މެދުރާސްތާ އާއި އަދި ކުރުރާސްތާއަށް ވެސް ޓާގެޓްކުރެވިގެން މަސައްކަތް ކުރާނެ ކައުންސިލެއް ކަމަށެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ މައި ހަރަކާތުގެ ގޮތުގައި ފަތުރުވެރިކަން އޮތް ކަމުގައި ވިޔަސް، އެކަމާ ގުޅުން ހުރި އިތުރު ސިނާއަތްތައް ތައާރަފްކޮށް ގެނައުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ތެރެއިން އެ ސިނާއަތް ޑައިވާސިފައި ކުރުމަށާއި އިގްތިސާދު ހަމައެކަނި އެއް ކަމަކަށް އަމާޒު ނުކުރުމަށް އެކިއެކި މިނިސްޓްރީތަކުން ސިޔާސަތުތައް ގެންގުޅުއްވާ ކަމަށާއި އެކަންކަން ހާސިލް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ ހަ ބިލިއަން އެމެރިކާ ޑޮލަރުގައި އެވްރެޖްކޮށް ހުރިއިރު، އޭގެ ތެރެއިން 4.5 ބިލިއަން އެމެރިކާ ޑޮލަރު ލިބެނީ ފަތުރުވެރިކަމުން ކަމަށެވެ. އަދި އަމާޒަކީ ޓޫރިޒަމުން ލިބޭ އާމްދަނީ ހަ ބިލިއަން އެމެރިކާ ޑޮލަރަށް ޖެއްސުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
"ދެން މީގަ ވަރަށް ކުރު ރާސްތާ ޓާގެޓެއް އެބައޮތް ރައީސްގެ ވެސް، އެއީ މި ދެންނެވި 4.5 ބިލިއަން ކުރިއަރުވައި ހަ ބިލިއަން އެމެރިކާ ޑޮލަރަށް ޓޫރިޒަމް ރެވެނިއު ޖެއްސުން.މިއީ މިހާރުގެ ޓޯޓަލް ޖީޑީޕީ ސީލިން ހަމައެކަނި ޓޫރިޒަމް ސެކްޓާއަށް ޓާގެޓްކޮށްފައި ޕުޝްކޮށްލުން. އެހެންވީމަ އެހެން ސެކްޓާތަކާ އެކުގައި ވަރަށް ބޮޑު ތަން އިތުރުވެގެން ދާނެ،" ސައީދު ވިދާޅުވިއެވެ.
ސައީދުގެ ވިދާޅުވީ ބައެއް ގައުމުތަކުގައި މިހާރު ވެސް ވިޒިޓާ އިކޮނޮމީ ކައުންސިލް އުފައްދައިގެން ކާމިޔާބުކަމާ އެކު މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން އޮސްޓްރޭލިއާ، އިނގިރޭސި ވިލާތް، ސައުދީ އަރަބިއްޔާ، ދުބާއީ ފަދަ ގައުމުތައް އޭނާ ފާހަގަ ކުރެއްވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ދެ ކަމެއް ހާސިލުވެއެވެ. އެއީ، ފަތުރުވެރިންނަށް ވޯލްޑް ސްޓޭންޑަޑްގައި ކަންތައްތަކެއް ކުރެވޭ އިރު، ރާއްޖޭގައި ތިބި ދިވެހިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ހެޔޮ އަގުގައި ލިބިގެން ދިޔުމެވެ. ހަމައެގޮތަށް އެންމެ ބޮޑު ބޭނުމަކީ ދެކޮޅު ޖެހޭ އާމްދަނީއެއް ހޯދައި ދެމެހެއްޓެނިވި ކޭޝްފްލޯއެއް ގެންގުޅޭ، ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެދުން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!