ފަލަސްތީނުގެ ޣައްޒާގެ ޝިފާ ހޮސްޕިޓަލްގައި ތިބި ދުވަސްނުފުރާ ކުޑަކުދިން ސަލާމަތްތެރިކަމާއެކުގައި ޣައްޒާގެ ދެކުނަށް ގެންގޮސްފިއެވެ.

އިސްރާއީލް ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި ކުރަމުން އަންނަ ހަނގުރާމައިގައި ޝިފާ ހޮސްޕިޓަލް ވަނީ ހިސޯރުކޮށްފައެވެ. އެ ހޮސްޕިޓަލްގައި ކަރަންޓު ނެތް އިރު، ހިދުމަތްތައް ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އިސްރާއީލް ސިފައިން ޓޭންކާއި އެ ނޫން ވެސް އުޅަނދުތަކުގައި ޝިފާ ހޮސްޕިޓަލް ކައިރި އަށް އައިއިރު، އިންކިއުބޭޓަރުގައި ފަރުވާ ދެމުން އައި ދުވަސްނުފުރާ ވިހެއި ކުދިންގެ އަދަދު 39 އަށް އަރައެވެ. އެކަމަކު، މިދިޔަ ދުވަސްތަކުގައި އޭގެ ތެރެއިން ހަތް ކުއްޖަކު ވަނީ ޝަހީދުވެފައެވެ.

Ad
rt

އަދި ސަލާމަތްތެރިކަމާ އެކު، އެމްބިއުލާންސްތަކުގައި ދެކުނަށް ގެންދެވިފައި ވަނީ 31 ކުޑަކުދިންނެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކާ ބެހޭ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒަގޫތު ވިދާޅުވީ އެ ހުރިހާ ކުޑަކުދިން މިސްރަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ކުދިން ޝިފާ ހޮސްޕިޓަލުން ނެރުނީ ތިން ޑޮކްޓަރުންނާއި ދެ ނަރުހުންނާ ވެސް އެކީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ޝިފާ ހޮސްޕިޓަލް ކައިރި އަށް ޖަމާވާން ފެށީ މިދިޔަ ބުދަ ދުވަހުއެވެ. އިސްރާއީލުން މިހާރު ދަނީ ހޮސްޕިޓަލްގެ ތެރެއަށް ވަދެ، އެ ތަން ބަލައި ފާސް ކުރަމުންނެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ ތަން ބަލައި ފާސް ކުރިއިރުގައި، ހަމާސްގެ މުޖާހިދުންގެ ބަޑިތަކާއި ބޮމާއި ވަޒަނާއި ފެނިފައިވެއެވެ. އެކަމަކު، ހަމާސް އިން އެކަން ދޮގު ކުރެއެވެ. ހަމާސް އިން ބުނެފައި ވަނީ އެއީ އިސްރާއީލުން އެ ތަނަށް ފޮށިފޮށީގައި ވެއްދި ތަކެތި ކަމަށެވެ.

އިސްރާއީލުން އިއްޔެ ވަނީ ޑޮކްޓަރުންނާއި ބަލި މީހުންނާއި ރެފިއުޖީން ހިމެނޭ ގޮތަށް އެންމެން ޝިފާ ހޮސްޕިޓަލުން ނުކުންނަން އަމުރުކޮށްފައެވެ. އަދި ބައެއް މީހުން ގަޔާ ދިމާލަށް ބަޑި ދިއްކޮށްފައި ގަދަކަމުން އެ ހޮސްޕިޓަލުން ނެރެފައިވާ ކަމަށް އެ ތަނުގައި ތިބި ޑޮކްޓަރުންނާއި ފަލަސްތީނުގެ އޮފިޝަލުން ބުނެފައިވެއެވެ.

ޑަބްލިއުއެޗްއޯގެ ޓީމަކުން އިއްޔެ ވަނީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ. ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ޝިފާ ހޮސްޕިޓަލްގައި ބަލި މީހުންގެ ގޮތުގައި އެތައް ސަތޭކަ ބަޔަކު އަދިވެސް އެބަތިބިއެވެ. އޭގެ ތެރޭގައި ސީރިއަސް ހާލަތުގައި ތިބި މީހުންނާއި އިންފެކްޓްވެފައިވާ ބަލި މީހުންނާއި ހަށިގަނޑަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ގުޑާ ވެސް ލެވިފައި ނުވާ މީހުން ހިމެނޭ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އިސްރާއީލުން ޝިފާ ހޮސްޕިޓަލްގެ ތެރޭގައި ރެއިޑެއް ހިންގި ވަގުތުގައި ވެސް ހަތަރު ކުއްޖަކު ޝަހީދުވެފައިވެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ޝިފާ ހޮސްޕިޓަލްގައި ދުވަސް ނުފުރާ ވިހެއި ކުދިންނަށް މިހާރު ފަރުވާ ދެނީ ޣައްޒާގެ ރަފަހްގައި ހުންނަ ތަލް-އަލްސުލްތާން ހޮސްޕިޓަލްގައި ކަމަށެވެ. އަދި އެ ކުދިންގެ އާއިލާތަކާ އެކުގައި މާދަމާ މިސްރަށް ފޮނުވާލާޏެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.