ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އެއިން ހޯދި ފައިސާ އިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާ އެއް އަހަރު ދުވަހަށް ހިފަހައްޓައިފިއެވެ.
ފުލުހުން މި މައްސަލައިގައި ހަމައެކަނި ބުނީ ކޭޕާކް މައްސަލައިގައި ތުހުމަތު ކުރެވޭ މަންޑޭ ދިރިއުޅޭ ގެ ކޮޓު އަމުރެއްގެ ދަށުން އިއްޔެ ބަލައި ފާސްކޮށް، މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެނގިފައިވާ ގޮތުގައި މަންޑޭ ދިރިއުޅޭ ގެއަށް ފުލުހުން ވަނީ ހުޅުމާލެ ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގެ ދަށުން ހިފަހައްޓާފައި ވަނީ، އަސްލު އޮޅުވާލާފައިވާ ލިޔެކިޔުން ބޭނުންކޮށްގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ. އޭގެ ތެރޭގައި ހުޅުމާލޭ އެފްޑަބްލިޔު ރެސިޑެންސް އިން މަންޑޭ ގަނެފައިވާ ހަތް މިލިއަން ރުފިޔާގެ ޕެންޓް ހައުސް އާއި އަގު ބޮޑު ގަހަނާ އާއި އަންނައުނާއި ބްރޭންޑެޑް އަތްދަބަސް ފަދަ ތަކެއްޗެވެ.
ކޭޕާކް މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.
އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވިއްކައި ފައިސާ ހޯދައިގެން އެ ފައިސާ ބޭނުންކުރި ކަމަށް މަންޑޭގެ މައްޗަށް ފުލުހުން ތުހުމަތު ކުރެއެވެ. މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި އަދި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށްވެއެވެ.
މި މައްސަލައިގައި ފުލުހުން މީގެކުރިން ވަނީ ހުޅުމާލޭ އަމީން އެވެނިއުގައި މަންޑޭ ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓަކަށް ވަދެ ފާސްކޮށްފައެވެ. އަދި ހުޅުމާލޭގައި ހުންނަ މަންޑޭގެ އެހެން އެޕާޓްމަންޓަކަށާއި އޭނާގެ އޮފީހަކަށް ވެސް ފުލުހުން އޭރު ވަދެ ބަލައި ފާސް ކުރިއެވެ.
ހުޅުމާލޭގައި މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސްއެއް ތަރައްގީ ކުރުމަށް ހަންބޯ ޓެކް ކޮރެއާ އާއި އާބަންކޯއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 9، 2016 ގައެވެ. އެ އެއްބަސްވުމަށް ފަހު، ފްލެޓް ގަންނަން މީހުންނަށް އެހީތެރިވުމުގެ ގޮތުންނާއި މާކެޓްކުރުމުގެ ގޮތުން ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ހަންބޯ މޯލްޑިވްސް ވަނީ ހަމަޖައްސައިފައެވެ. ހަންބޯ މޯލްޑިވްސްއަކީ ހަންބޯ ޓެކް ކޮރެއާގެ ރާއްޖޭގެ އެޖެންޓެވެ.
ހަންބޯ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކާފައިވާ ކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ މަންޑޭ އަށެވެ.
ނަމަވެސް ތުހުމަތުތައް ދޮގުކޮށް، މަންޑޭ މީގެ ކުރިން ބުނެފައިވަނީ ކޭޕާކް ޕްރޮޖެކްޓް މައްސަލައިގައި ރާއްޖޭގެ ލޯކަލް އެޖެންޓުގެ ހިއްސާދާރުންގެ މެދުގައި މައްސަލަޖެހިފައިވާ ކަމަށް ބުނެ އޭނާގެ އަބުރު ކަތިލަން ބަޔާނެއް ނެރުނީ ހަންބޯ ކޮމްޕެނީގެ ޗައިނާ ހިއްސާދާރު ޝިއުން ޖިން ފައިސާތައް ހިފައިގެން ފިލަން ފުރުސަތު ނުދިނުމުން ކަމަށެވެ.
ކޭޕާކް ރެސިޑެންސްއަކީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް ހަދަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓުތަކެކެވެ. ހުޅުމާލޭގެ ވަރަށް ރީތި ހިސާބެއްގައި 14 ބުރިއަށް ހަދާ މި ތަނުގައި 110 އެޕާޓްމަންޓް ހުރެއެވެ. އެއީ ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ބޮޑެތި އެޕާޓްމަންޓުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!