ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިރޭ އިންތިޚާބު ކޮށްފިއެވެ.
މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނެވި އަސްލަމް އިންތިޚާބު ކުރީ މިރޭ 22:00 ގައި އެކަމަށް ފެށި މަޖިލީހުގެ ޖަލްސާގައެވެ.
މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރަން ނަން ހުށަހަޅަން ރިޔާސަތުން ހުޅުވާލުމުން އެމްޑީޕީން އަސްލަމްގެ ނަން ހުށަހަޅާފައިވާއިރު، ޑިމޮކްރެޓްސް އިން ވަނީ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްގެ ނަން ހުށަހަޅައިފަ އެވެ.
މި އިންތިޚާބުގައި އަސްލަމަށް 53 ވޯޓު ލިބިފައިވާއިރު، އާޒިމަށް ލިބުނީ 23 ވޯޓެވެ.
މި އިންތިޚާބުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ފަސް މެންބަރުންގެ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ސިއްރު ވޯޓެއް ނަގައިގެންނެވެ.
މަޖިލީހުގެ ރައީސް ކަމަށް އަސްލަމް އިންތިޚާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނަޝީދު މިއަދު ހަވީރު އިސްތިއުފާ ދެއްވުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!