ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ ދެބައިކުޅަ އެއްބައި މަސައްކަތް ނިމުނު އިރު، ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރަމުންދާ ސައިޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްފައި އޮތް މަސައްކަތް، އެބޭފުޅުންގެ ސްކޯޕްގެ ގާތްގަނޑަކަށް %54 ނިމިފައިވާ ކަމަށެވެ. ބިންލާދިން ގްރޫޕްގެ ސްކޯޕްގައި މަޝްރޫއު ނިންމަން 2025 ކަނޑައަޅާފައިވިޔަސް، އެމަނިކުފާނު ބޭނުންފުޅު ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހަށްދާ އިރު، އެ މަސައްކަތް ނިންމުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

Ad
rt

މުއިއްޒު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަގު ވެސް ހަދަން ޖެހޭ ކަމަށެވެ. މަގު ހަދަން ދިހަ ވަރަކަށް މަސް ދުވަސް ހޭދަވާ އިރު، މިހާރުން މިހާރަށް އެކަން ބަޔަކާ ހަވާލުކޮށްގެން ނޫނީ އެއާޕޯޓު ޓާމިނަލް ނިމެންވާ އިރަށް މަގު ހަދާ ނުނިމޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ޓާމިނަލް މަސައްކަތް ކުރާއިރު، ޑިއުޓީ ފްރީ ސަރަހައްދު ނިންމަން ބަޔަކާ ހަވާލުކޮށްފައި ނުވާ ކަމަށާއި އެކަން ވެސް ބަޔަކާ ހަވާލު ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އޮންނަ އުސޫލުގެ ތެރެއިން އެ ދެ ކަންތައްތައް ވެސް ކުރުމަށް ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، ވެލާނާ އެއާޕޯޓު ރަނގަޅަށް ބޭނުން ކުރާ ކަމަށްވާ ނަމަ، އެޕްރޮން ވެސް ބޮޑު ކުރަން ޖެހެއެވެ. ނަމަވެސް އެ މަސައްކަތް ވެސް ސްކޯޕްގެ ތެރޭގައި ހިމަނާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހެން ހުރި ހުރިހާ ކަމެއް ހިމެނޭ ގޮތަށް އިރާދަކުރެއްވިއްޔާ ޕެރަލަލީ މަސައްކަތް ކުރެވޭނެ ގޮތަށް ހަމަޖައްސައި، އަދި މިކަމަށް ބޭނުންވާ ފަންޑިން އާއި އެއްޗެއް މަދުވާ ކަމަށްވާ ނަމަ، އެކަން ވެސް ހަމަޖެއްސުމާ އެކީގައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް ގުޅިގެން އެންމެ އިސްކަން ދޭ މަޝްރޫއުގެ ގޮތުގައި މިކަން ކުރެވޭ ކަމަށްވާ ނަމަ، މި ދެންނެވި ޓާގެޓް ހާސިލް ކުރެވޭނެ،"މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ ފުރިހަމަ ކަން ހޯދުމަށްޓަކައި ޖެޓްތަކަށް ހާއްސަކޮށް ޖެޓް ޓާމިނަލެއް ހަދަން ޖެހޭ ކަމަށެވެ. އަދި ވެހިކަލްތައް ޕާކް ކުރުމަށް ޕްލޭން ކުރެވިގެން ހައްލެއް ގެންނަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އާ ޓާމިނަލްގެ މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ ނިންމައިފައެވެ. އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން މި އެހީ ދިނުމަށް ނިންމީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އަބޫ ދާބީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައެވެ.