ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ވަކި ދެ ޖަލްސާއެއް ބޭއްވުމަށް މަޖިލިހުގެ އިދާރާ އިން ނިންމައިފިއެވެ.

މަޖިލިހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މާދަމާގެ ފުރަތަމަ އެޖެންޑާގައިވާ ގޮތުން ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:00 ގައެވެ. އެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމާއި ސަޕްލިމަންޓަރީ ބަޖެޓް ހުށަހެޅުމެވެ.

Ad
rt

ދެވަނަ ޖަލްސާ ބޭއްވުމަށް އެޖެންޑާކޮށްފައި ވަނީ މާދަމާ ހެނދުނު 11 ޖަހާއިރުއެވެ. އެ ޖަލްސާގެ އެޖެންޑާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ގަރާރާ މެދުގައި ގޮތެއް ނިންމުމެވެ.

ގަރާރުގެ މައްސަލަ އެޖެންޑާ ކުރިއިރު، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ގަރާރަކީ ގަވައިދާ ހިލާފު ގަރާރެއް ކަމަށް ބުނެ ވަނީ ބޭރުކޮށްލައިފައެވެ. ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެގޮތަށް ނިންމަވައި މަޖިލިސް ނިންމާލެއްވީ އަމީންއާންމު ފާތުމަތު ނިއުޝާ އެކަމާ ދެކޮޅަށް ލަފާ ދެއްވަމުން ގެންދަވަނިކޮށެވެ.

އޭގެފަހުން މަޖިލީހުން މިއަދު އިތުރު ޖަލްސާއެއް އެޖެންޑާ ކުރުމުން ރިޔާސަތަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަޑައިގެން، އިއުލާން ކުރެއްވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު ބޭރުކޮށްލާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެމްޑީޕީން ތަކުރާރުކޮށް ބުނަމުން އަންނަނީ ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިންމަނީސް އިތުރު މައްސަލައެއް މަޖިލިހުގެ ތަޅުމުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާއިރު މި މައްސަލައިގައި ބަންޑާރަ ނައިބުގެ ލަފައެއް ހޯދަން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ. އަދި އީވާ އާއި އަފީފް މަޖިލިހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް އިމްތިޔާޒް ކޮމިޓީން ވެސް ވަނީ ފާސްކޮށްފައެވެ.