ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން، މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ގަރާރު ހުށަހަޅަން ބޭނުންވާ ވަރަށް ސޮއިހަމަކޮށްފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު "ތިލަދުން" އަށް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންގެ ސޮއި ބޭނުންވާނެ ކަމަށެވެ. މިހާތަނަށް އައިއިރު، އެ އަދަދު ހަމަކޮށްފައިވާ ކަމަށް ވެސް އެ މެމްބަރު ވިދާޅުވިއެވެ. އެއީ 22 މެމްބަރުންގެ ސޮޔެވެ.

Ad
rt

"އަޅުގަނޑުމެން އެ މަސައްކަތް ފެށީ މިއަދު މެންދުރު ވާން ކައިރިވެފައި ވަނިކޮށް، އެވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި 22 މެމްބަރުންގެ ސޮއި ހަމަކޮށްފައި ވާނީ. އަދިވެސް މި ދަނީ އިތުރު މެމްބަރުންގެ ސޮއި ހަމަ ކުރުމުގެ މަސައްކަތް ކުރަމުން،" ކުރިން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލިހުގެ ޖަލްސާ މިއަދު ދެ ފަހަރު ބޭއްވިއެވެ.

މިގޮތުން ހެނދުނު 9:00 ގައި ފެށި ޖަލްސާ ނިންމާލީ، ނަޝީދުގެ މައްސަލަ ހިންގަން ހުށަހަޅާފައިވާ ޤަރާރު ގަވާއިދަށް ނުފެތޭކަމަށް ޑިމޮކްރެޓުގެ މެންބަރު އަލީ އާޒިމް އެ ޖަލްސާގައި ނެންގެވި ނިޒާމީ ނުކުތާ ބަލައިގަނެ، ރިޔާސަތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ގަރާރު އޮތީ ރަނގަޅަށް ނޫންކަމަށް ނިންމައި އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ވިދާޅުވުމަށްފަހުއެވެ.

މި މައްސަލައާއިގުޅޭ ދެވަނަ ޖަލްސާ ފެށީ ހެނދުނު 11:30 ގައި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ރިޔާސަތުގައި އިންނަވައިގެންނެވެ. ޖަލްސާ ފަށައި، ކުޑަހިނދުކޮޅެއްތެރޭ ނިންމާލާފައިވާއިރު، އީވާ ވެސް ވަނީ ހަސަން އަފީފުގެ ނިންމުމަށް ތާއީދު ކުރައްވާފައެވެ. އަދި އެ ނިންމުން އެހެން އޮތުމާއެކު އެ މައްސަލަ އިތުރަށް މަޖިލީހުގައި ދެން ކުރިއަށް ގެންދެވޭނެކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފައެވެ.

އެހެންވެ، މި މައްސަލައިގައި އިމްތިޔާޒް ކޮމިޓީން ވަނީ އީވާ އާއި އަފީފް، މަޖިލިހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކޮށްފައެވެ. އަދި ނަޝީދުގެ މައްސަލަ އެޖެންޑާގައި ކުރާ އިރު، ދެ ބޭފުޅުންނަށް ވެސް ރިޔާސަތުގައި ނުތިއްބެވޭނެ ގޮތް ހެދުމަށް ރިކޮމަންޑޭޝަނެއްގެ ގޮތުގައި އާންމު ކޮމިޓީ އަށް ހުށަހަޅަން އިމްތިޔާޒް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އާންމު ކޮމިޓީން މިއަދު ވަނީ ނަޝީދުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ބަންޑާރަ ނައިބު އޮފީހުގެ ލަފައަކަށް އެދުމަށް ނިންމައިފައެވެ.