ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ހާސިލްވާނެ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނީ އިންޑިއާއާ ވާހަކަ ދައްކައިގެން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އިންޑިއާއާ ވާހަކަ ނުދައްކާ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ ހައްލު ނުވާނެ ކަމަށެވެ.
"އަޅުގަނޑު މި މައްސަލަ ކިހިނެއްތޯ ހައްލުކުރާނީ އިންޑިއާއާ ވާހަކަ ނުދައްކާ. އަޅުގަނޑު ހަމަ ބޭނުންވަނީ ވެސް ވީހާ ވެސް ބޮޑަކަށް އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މި މައްސަލަ ހައްލު ކުރަން. މަގުމަތިން ހާސިލުކުރެވޭނެ ކަމެއް ނޫން މީކީ. އެހެންވެ، ރައްޔިތުން މިހާރު ވަނީ ސަރުކާރުގެ ނިޒާމުގެ ތެރެއިން މިކަން ކުރަން ނިންމާފައި،" މުއިއްޒު ވިދާޅުވިއެވެ.
ހދ. ހަނިމާދޫ އާއި އައްޑޫ ސިޓީ އާއި ލ. ކައްދޫގައި އިންޑިއާ ސިފައިން ތިބޭ މައްސަލައިގައި ޕީޕީއެމް/ޕީއެންސީން މި ވެރިކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ވަރުގަދަ މުޒާހަރާތަކެއް ސަރުކާރާ ދެކޮޅަށް ކުރިއެވެ. އަދި ރައީސް ޔާމީން ވަނީ ބައެއް ރަށްރަށަށް ވަޑައިގެން ވެސް އެ ހަރަކާތް ހިންގަވައިފައެވެ.
ނަމަވެސް ބޭރު ގައުމުތަކާ ދެކޮޅަށް ތަފާތު އެކި ނަން ނަމުގައި ޝިއާރުތައް ނެރެގެން ހަރަކާތްތައް ހިންގާ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކާ ގުޅިގެން އެ ހަރަކާތްތައް އެއްކޮށް ހެން ހުއްޓުނެވެ.
އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަކީ އިންތިހާބީ ރައީސް މުއިއްޒުގެ ވައުދެކެވެ.
މުއިއްޒު ވިދާޅުވީ ޓްރާންސިޝަނަލް މުއްދަތުގައި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާ އެކީގައި ދެ ފަހަރެއްގެ މަތިން ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު ވަރަށް ގިނަ ވާހަކަތައް ދެކެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވަރަށް ސުލްހަވެރި، ވަރަށް ރީތިކޮށް ބިނާ ކުރުވަނިވި ވާހަކަތައް ދެކެވިއްޖެ. އިރާދަކުރެއްވިއްޔާ މިކަން ހާސިލް ވާނެ." މުއިއްޒު ވިދާޅުވިއެވެ.
މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނަތީޖާ އިން ރާއްޖޭގައި އިންޑިއާ ސިފައިން ނުވަތަ އެހެން ގައުމެއްގެ ސިފައިން ވެސް ބޭނުން ނުވާ ކަން އެނގިގެން ގޮސްފައިވާ ކަމަށާއި މިއީ އިންޑިއާވެގެން އުޅޭ މައްސަލައެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެ އާއި އިންޑިއާއަކީ ދުރު ނުކުރެވޭނެ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. އަދި އިންޑިއާ އިން އެތައް އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އިރު، މިހާރު ވެސް އެހީ ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި \އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!