އަންނަ ހުކުރު ދުވަހު އެކުލަވާލާ ސަރުކާރު ވެގެން ދާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސާފު ސަރުކާރަކަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ "ދިވެހިންގެ ރާއްޖެ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. ސަރުކާރުގެ ރިކަރެންޓު ހަރަދު ކުޑަކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށާއި އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ނަތީޖާ ނެރެދީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި ދެއްވާނެ ސަރުކާރަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ މިނިސްޓްރީތަކަށް ނަތީޖާ ނެރެދެވޭނެ މެންޑޭޓުތަކެއް ކަނޑައެޅުމަށް ވިސްނަވާފައިވާނެ ކަމަށެވެ. ބައެއް ބޮޑެތި މިނިސްޓްރީތައް ދެބައި ކުރުމާއި، ވަކި މަސައްކަތްތަކަށް ހާއްސަ މިނިސްޓްރީތައް އުފެއްދީ، މިނިސްޓްރީ ފެއިލްނުވެ ނަތީޖާ ނެރެދިނުމަށް މަގުފަހިކުރުމުގެ ގޮތުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.މިއަދުގެ ޕްރޮގްރާމްގައި އެމަނިކުފާނު އިއުލާން ކުރައްވާފައިވާ ގޮތުން ނަމަ، އާ ސަރުކާރުގައި 22 ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.
އިންތިހާބީ ރައީސްގެ ކެބިނެޓަށް އައްޔަން ކުރައްވަނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ނަޒާހާތްތެރި ބޭފުޅުން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވުޒާރާތަކުންނާއި، ކުންފުނިތަކުން ވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުން އަޅުގަނޑުމެންގެ ސަރުކާރަކީ ސާފު ސަރަކާރަކަށް ހަދަން. ކޮރަޕްޝަނަށް ހަމަ ހަގީގަތުގައި ވެސް ނޫނެކޭ ބުނާނެ މި ސަރުކާރުން. ކެބިނެޓުގެ މެމްބަރެއް ވިޔަސް، އެމްޑީއެއް ވިޔަސް ފުރުސަތެއް ނުދެއްވާނެ ކޮރަޕްޝަނަކަށް" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޓީމަކީ ތެދިވެރިކަމާއި އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކޮށްދެއްވާނެ ޓީމެއްކަން ޔަގީންކުރައްވާ ކަމަށާއި، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ގާބީލު ނަޒާހަތްތެރި ސަރުކާރަކަށް ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެކިއެކި މަގާމުތަކަށް އައްޔަން ކުރެއްވުމުގައި ބައްލަވާފައި ވާނީ އެ ދާއިރާއަކުން ކިޔަވާ ވިދާޅުވެގެން ހުންނެވި ނުވަތަ އެ ދާއިރާއެއްގެ ތަޖުރިބާ ހުންނެވި ބޭފުޅަކު ނެންގެވޭތޯ ކަމަށެވެ. އަދި އެހެން ނުވާ ފަހަރުގައި އެ ދާއިރާއަކާ ގާތް، ގުޅުން އޮތް ވީހާވެސް ހިންގުންތެރި ތަޖުރިބާ ހުންނެވި ބޭފުޅުންނަށް އިސްކަން ދެއްވާފައި ހުންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނަށް ފުރަތަމަ ޑިގްރީ ނެތް އެއްވެސް ބޭފުޅަކު ނުހުންނަވާނެ ކަމަށެވެ. ޕީއެޗްޑީ ހޯލްޑަރުންގެ ގޮތުގައި ނުވަ ވަރަކަށް ބޭފުޅުން ތިއްބަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މާސްޓާސް ހައްދަވާފައި ތިއްބެވި އަށް ވަރަކަށް ބޭފުޅުން ތިއްބަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!