ވެރިކަން ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ކުރިއަށް އޮތް ތަނުގައި އެމްޑީޕީއަށް ލިބޭނެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ވެރިންނަށް ވަރަށް ވަރުގަދަ އިންޒާރެއް މިއަދު ދެއްވައިފިއެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް ބޭރު ޖަމްއިއްޔާއަކުން ލިބިވަޑައިގެންނެވި މަގާމެއްގެ ވާހަކަ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހިއްސާކުރެއްވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.
"އަސްލަމް، ތިޔަ ހުރިހާ ތާކުން އެމްޑީޕީ މީހުން ވަކި ކުރާނަން، އަދި ބޭރު ގައުމު ތަކަށް ނޭރޭ ވަރު ކުރާނަން" ނަޝީދުގެ މެސެޖްގައިވެއެވެ.
ޔޫއޭއީގައި މިހާރު ކުރިއަށްދާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިންތިޒާމުކުރާ ފަރާތްތަކަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ފޮނުވި ސިޓީއަކާ ގުޅިގެން މަޖިލިހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ސިޓީތައް ފޮނުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެން (ބިގޭ) އަދި ރައީސްގެ ކޮއްކޯފުޅު ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކަމަށެވެ.
އަދި އެމްޑީޕީގެ ލީޑަޝިޕުން އުޅެނީ "ކުޑަކުދިންތަކެއް އުޅޭހެން" ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"ވެރިކަން ގެއްލުމަށް ވުރެ ދެން ވާން އޮތް ކަންތައް މާ ބޮޑުވާނެ،" ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީ އިން ވަނީ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފައެވެ. އެ މައްސަލަ މަޖިިލިހުގައި ހުއްޓިފައި އޮތުމުން އެމްޑީޕީން ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާ އިރު، ދެން އެ މައްސަލައިގައި އޮންނާނީ ހުކުމް ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!