އަންނަ ބުރާސްފަތި ދުވަހު ހިފާ އިރުކޭތަ ރާއްޖެއަށް ދެ ގަޑިއެއްހާއިރު ފެންނަން ހުންނާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މިބުރާސްފަތި ދުވަހު ހިފާ މިއިރުކޭތައަކީ އިރުގެ ވަށައިގެން ރިންގެއް އިންނަ ސޯލާ އިކްލިޕްސް އެނިޔުލާ ނަމަކަށް ކިޔާ އިރު ކޭތައެކެވެ. އަދި ފަލަކީ ގޮތުން ކިޔާއުޅެނީ "ރިންގ އޮފް ފަޔަރ" އެވެ. އިރުކޭތަ ރާއްޖެއަށް ފެންނާނީ އަންނަ ބުރާސްފަތި ދުވަހު ހެނދުނު 07:40 އިން 10:30 އާއި ދެމެދުއެވެ.

Ad
rt

މިފަހަރުގެ އިރުކޭތަ ފުރިހަމައަށް ހިފާފައި ހުންނައިރު ދުނިޔެއާއި އިރާއި ދެމެދަށް ހަނދު ވަދެ އިރު ފޮރުވޭނެއެވެ. ނަމަވެސް ފުރިހަމަ އަށް އިރުކޭތަ ހިފާވަގުތު އިރުގެ ބޭރު ފަށަލަ ފެންނާނެ އެވެ. މިމަންޒަރު އެންމެ ފުރިހަމަކޮށް ފެންނާނެ ކަމަށް ބެލެވެނީ މެލޭޝިއާ، އިންޑޮނީޝިއާ، ސައުދީ އަރަބިއްޔާ، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އޮމާން، އަދި އިންޑިއާ އަދި ލަންކާގެ އުތުރު ސަރަހައްދުތަކުގެ އިތުރުން ސިންގަޕޫރަށެވެ. މިކޭތަ ފުރިހަމައަށް ހިފާފައި ހުންނާނީ 3 މިނެޓާއި 40 ސިކުންތަށެވެ. ފުރިހަމަ އިރުކޭތަ 09:34 ގައި ލަންކާއަށް ފެންނާނެކަމަށް ބެލެވެއެވެ.

800px-Annular_Solar_Eclipse_Map_of_india_2019_December_26.svg.png

މިއިރުކޭތަ ރާއްޖެއަށް ފެންނާނީ އަލިފަނޑުކޮށް ބައި ކޭތަ އެވެ. މި އިރުކޭތައިގެ މިސްރާބު ހުންނާނީ ސައުދީއަރަބިއްޔާގެ އިރުމަތިން ފެށިގެން ގޮސް ދެކުނު އިންޑިއާއިން ލަންކާ އަދި ސުމްޓްރާއާ ދިމާއަށެވެ. ގިނަބަޔަކު ބަލާލަން ބޭނުންވާ މި އިރުކޭތަ ދުނިޔެއަށް ހަނދުގެ ވަށައިގެން އިރު ފެންނަން ހުންނާނީ އަނގޮޓިއެއްގެ ސިފައިގައެވެ.

އިރުކޭތަ ހަމަ ލޮލުން ބެލުމަކީ ރައްކާތެރިކަމެއް ނޫނެވެ. ނާސާއިން ވަނީ ހުރަހަކާއި ނުލައިއިރުކޭތަ ބެލުމުގައި ސަމާލުވުމަށްވެސް އަންގައިފަ އެވެ. ސަބަބަކީ އިރު ކޭތަ ހިފާފައި ހުންނަ ވަގުތު އިރުގެ އަލި ބާރުގަދަ ވުމުން، ލޮލަށް ގެއްލުމެއް ލިބިދާނެތީ އެވެ. އިރުކޭތަ ހިފުމުން ރާއްޖޭގައި ކޭތަ ނަމާދުކުރެއެވެ.

މިކަހަލަ ކޭތައެއް 25 ފެބުރުއަރީ 2017 ވަނަދުވަހުވެސް ވަނީ ހިފާފައެވެ. ނަމަވެސް މިކޭތަ ރާއްޖެއަށް ފެނިފައެއް ނުވެއެވެ. މިއަހަރު ހިފާ އެންމެ ފަހު ކޭތަ ބުރާސްފަތި ދުވަހު ހިފުމަށްފަހު ދެން އިރުކޭތައެއް ހިފާނީ އަންނަ އަހަރުގެ ޖޫން 21 ގައެވެ. ހަނދުކޭތަ ދެން އެންމެ އަވަހަށް ހިފާނީ ޖެނުއަރީ 10 ގައެވެ.