ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭހާއެކު އުރީދޫ ފަން ރަން ބާއްވަން ނިންމައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ "ފަން ރަން" އަދި ޑްރޯން ރޭހެއް އަންނަ ޑިސެމްބަރުގައެވެ. އެ ރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

Ad
rt

މި ރަން ކުރިއަށްދާނީ އަންނަ ޑިސެމްބަރު 22، ގެ ހަވީރު ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، އެ ކުންފުނީގެ ފަން ރަންއަޑްބބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ. މިއަހަރުގެ ރަންގައި ހާއްސަ ހަރަކާތެއްގެ ގޮތުގައި ޑީޖީއައިގެ ރާއްޖޭގެ ޑިސްޓްރިބިއުޓާ ސްޓެބިސިސްއާއި ގުޅިގެން ޑްރޯން ރޭހެއް ބޭއްވުމަށް ނިންމާފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލަން މި ރަން އޮންނަ ދުވަހު ތަފާތު ކަންތައްތައް ކުރެވޭތޯ. މިދިޔަ ފަހަރު އަޅުގަނޑުމެން މޫދު ކުޅިވަރު ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިޔައިން. މިފަހަރު އަޅުގަނޑުމެން ތަފާތުކޮށްލުމުގެ ގޮތުން މި ބާއްވަނީ ޑްރޯން ރޭހެއް،" ނިޔާޒް ވިދާޅުވިއެވެ.

ބިގިނާ އަދި ޕްރޯ ދެ ކެޓަގަރީއަށް ބަހާލައިގެން ބާއްވާ މި ޑްރޯން ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ ފަން ރަން އޮންނަ ދުވަހުގެ ހެނދުނުއެވެ.

ސްޓެބިސިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނާހިދު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޑްރޯން ރޭހުގެ ބައިވެރިއެއްގެ ގޮތުގައި އުރީދޫއާއެކު މަސައްކަތް ކުރުމަކީ، އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ. އަދި މިފަދަ ޑްރޯން ރޭހެއް ބާއްވަނޫ ރާއްޖޭގައި ޑްރޯން ދުއްވުމުގެ ޝައުގުވެރިކަން ހުންނަ މީހުންނަށް އައު ފުރުސަތެއް ހޯދައިދީ، ޝައުގުވެރިކަން އިތުރުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޑްރޯން ރޭހުގެ ބައިވެރިންނަށް ރޭހުގެ ކުރިން ޓްރެއިނިން ޕްރޮގްރާމްތަކެއް ވެސް ކުރިއަށްގެންދިއުމަށް އުރީދޫއިން ވަނީ ނިންމާފައެވެ. އަދި މި ހަރަކާތުގައި ޑްރޯން ރޭސް އަމަލީ ގޮތުން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެކަމަށް ނިހާދު ވިދާޅުވިއެވެ.

މި ރޭހުގެ ކެޓަގަރީތަކުން ވަނަތަކަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ކަނޑައެޅިފައިވެއެވެ. އެގޮތުން ވަނަތަކަށް ދާ ފަރާތްތަކަށް ޑްރޯން ކެމެރާއެއް ލިބުމުގެ ފުރުސަތު އޮންނާނެކަމަށާއި، އިތުރު ތަފްސީލު ފަހުން ހާމަކުރާނެކަމަށް ނިހާދު ވިދާޅުވިއެވެ.

އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ބާއްވާ ދުވުމެކެވެ. މި ދުވުމަކީ ވަކި ވަގުތަކަށް ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައިވިޔަސް، ކޮރަމުންވިޔަސް، ނަށަމުންވިޔަސް ނުވަތަ ދުވެފަވިޔަސް ފުރިހަމަ ކުރެވޭނެއެވެ.

އުރީދޫ ފަން ރަން ކިޓުތައް ލިބެން ހުންނާނީ ދެ ކެޓެގަރީއަކުންނެވެ. އެއީ، 100ރ. އަށް ލިބޭ ސްޓޭންޑަޑް ކިޓާއި 200ރ. އަށް ލިބޭ ފަން ކިޓެވެ. ސްޓޭންޑަޑްގައި ހިމެނޭނީ ފަން ރަން ޓީޝާޓު އަދި އަތުގައި އަޅާ ބޭންޑެވެ. ފަން ކިޓުގައި އުރީދޫ ފަން ރަން ޓީޝާޓާއި ބޭންޑުގެ އިތުރުން ފޮތި ދަބަހާއި އައިނު އަދި ބޮލުގައި އައްސާ ބަންޑާނާ ހިމެނޭނެއެވެ.