ވިނަރެސް ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފޯމު ހުށަހެޅުން މަޑުޖައްސާލައިފިއެވެ.

އާބަންކޯއިން ރޭ ކުރި އިއުލާނެއްގައި ބުނީ ވިނަރެސް ފްލެޓު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލި ވަގުތު އެ ޕޯޓަލަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

Ad
rt

އެ ކުންފުންޏަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުން ފޯމު ހުށަހެޅުން މަޑުޖައްސާލީ ކަމަށް އާބަންކޯއިން ބުންޏެވެ.

އޮންލައިން ޕޯޓަލަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށްފަހު އެ ފްލެޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށާއި ތާރީހު ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.

ވިނަރެސް ފްލެޓް ވިއްކުމަށް މިފަހަރު ހުޅުވާލި ފުރުސަތުގައި ވިއްކުމަށް ކަނޑައަޅާފައިވާ ފްލެޓުތަކަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 15 ދުވަހުގެ ނިޔަލަށް ވިއްކި ފްލެޓްތަކަށްފަހު ބާކީ ހުރި ފްލެޓްތައްކާއި މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ފްލެޓް ގަތުމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މާލީ ގާބިލުކަން ފުރިހަމަ ނުވާ ފަރާތްތަކާއި ޔުނިޓު އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓު އިހްތިޔާރުކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށް ބާކީ ނުވިކި ހުރި ފްލެޓްތަކެވެ.