މިއަހަރުގެ ތިންވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް 979 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ކޮންމެ އަހަރެއްގެ ވެސް ހަތަރު ކުއާޓަރުގެ މާލީ ރިޕޯޓުތައް ވަކިން ކުންފުނިތަކުން އާއްމުކުރެއެވެ. ތިންވަނަ ކުއާޓަރިގެ ރިޕޯޓުތަކަކީ ޖުލައި އިން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ކުންފުނީގެ މާލީ ހާލަތު އަންގާ ރިޕޯޓުތަކެވެ.

Ad
rt

އެމްޓީސީސީން އާއްމުކޮށްފައިވާ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި އެ ކުންފުންޏަށް މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 34.68 އިންސައްތަ އިތުރުވެފައެވެ. ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނީ 727 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމާރާތް ކުރުމާއި ޑްރެޖިން ދާއިރާއިންނެވެ. އެ ދާއިރާއިން 873.56 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު ޓްރޭޑިން ދާއިރާއިން 64.07 މިލިއަން ރުފިޔާ، އަދި ޓްރާންސްޕޯޓް ދާއިރާއިން 37.02 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އެމްޓީސީސީން ފާހަގަކުރާގޮތުގައި މިއަހަރު ޗުއްޓީ ދުވަސްތައް އިތުރުވުމުގެ ސަބަބުން ޓްރޭޑިން ދާއިރާއަށް އޭގެ އަސަރު ކުރިއެވެ.

އާމްދަނީގެ އިތުރުން އެމްޓީސީސީގެ ހިންގުމުގެ ފައިދާ ވެސް ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިން ވަނަ ކުއާޓަރުގައި ވަނީ އިތުރުވެފައެވެ. ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 96.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނުއިރު ތިން ވަނަ ކުއާޓަރުގައި ލިބުނީ103.7 މިލިއަން ރުފިޔާގެ ފައިދާއެކެވެ.

އެމްޓީސީސީގެ މާލީ ރިޕޯޓުތައް ދައްކާ ގޮތުގައި އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ ހުރީ 43.3 މިލިއަން ރުފިޔާގައެވެ. ބޭރު ފައިސާގެ އަގު އުފުލުމާއި ކެޕިޓަލް އިންވެސްޓްމަންޓުތަކުގެ ސަބަބުން ސާފު ފައިދާއަށް ބޮޑު އަސަރެއް ކުރި ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އެމްޓީސީސީއިން ވަނީ މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 205 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. މީގެ ތެރެއިން ފަސް މަޝްރޫއެއްގެ މަސައްކަތް ތިންވަނަ ކުއާޓަރުގައި އެއްކޮށް ނިންމާލާފައިވާ ކަމަށާއި 36 މަޝްރޫއެއްގެ މަސައްކަތް މުޅިން އަލަށް ފެށި ކަމަށް އެ ކުންފުނިން ބުންޏެވެ.