އިސްރާއީލްގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އުދުވާނާ ދެކޮޅު ކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ތިބިކަން ހާމަކުރުމުގެ ގޮތުން "ރައިޓް މޫވްމަންޓް" ގެ ފަރާތުން މިރޭ މާލޭގައި ބާއްވަން ހަމަޖެއްސި ސައިކަލް ބުރާއި އެއްވުން އެހެން ރެއަކަށް ފަސްކޮށްފިއެވެ.

ރައިޓް މޫވްމަންޓުން އިންތިޒާމު ކުރާ މި ސައިކަލް ބުރު ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ މިރޭ 8:00 ގައި ރަސްފަންނު ސަރަހައްދުންނެވެ. އެ ސަރަހައްދުން ފަށައިގެން ގޮސް ސައިކަލް ބުރު ނިންމާލުމަށް އޮތީ އާޓިފިޝަލް ބީޗަށެވެ. އާޓިފިޝަލް ބީޗުގައި ހާއްސަ އެއްވުމެއް މިރޭ 9:00 ގައި ބޭއްވުމަށް ވެސް ނިންމިއެވެ.

Ad
rt

ނަމަވެސް ރައިޓް މޫވްމަންޓުން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މިރޭގެ ހަރަކާތްތައް ފަސްކޮށްފައިވާ ކަމަށެވެ. އަދި ހަރަކާތްތައް އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރައިޓް މޫވްމަންޓުން ދަނީ އިސްރާއީލް މީހުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލައި މިދިޔަ ހަފުތާ އިން ފެށިގެން ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ.

އިސްރާއީލްގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ރާއްޖޭގެ އަންހެނުން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް މާލޭގައި ތަފާތު ހިނގާލުމެއް އިއްޔެ ވަނީ ބާއްވައިފައެވެ. ފަލަސްތީނުގެ ދިދަ އާއި އެގައުމަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކާ އެކު މި ހިނގާލުން ބޭއްވީ ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗާ ހަމައަށެވެ.

ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެ ހިނގާލުމުގައި ފެނިގެންދިޔައީ ޣައްޒާގެ ތުއްތު ކުދިން ޝަހީދުވެފައިވާ މަންޒަރު ދައްކުވައިދިނުމުގެ ގޮތުން ހުދު ފޮތިގަނޑުން ކަފުންކޮށްފައިވާ ގޮތަށް ގަބުރުތައް ހިފައިގެން ތިއްބައެވެ. އޭގައި ލޭ ހުރި މަންޒަރު ވެސް ފެނިފައިވެއެވެ. އިސްރާ އެސޯސިއޭޝަނުން އިސް ނަގައިގެން އެހެން ޖަމިއްޔާތަކާ ވެސް ގުޅިގެން ބޭއްވި ހިނގާލުމުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ބައިވެރިވިއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުގެ 9,227 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި އޭގެ ތެރޭގައި 3,826 ކުޑަކުދިންނާއި 2,405 އަންހެނުން ހިމެނެއެވެ. އަދި 32,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.