ނޭޕާލްގެ ހުޅަނގަށް އައި ވަރުގަދަ ބިންހެލުމަކާ އެކުގައި 100 އަށް ވުރެ ގިނަ މީހުން ރޭ މަރުވެއްޖެއެވެ.

ނެޝަނަލް ސެންޓަ ފޯ ސެސްމޮލޮޖީން ބުނި ގޮތުގައި މި ބިންހެލުން އައި ކަމަށް ރިކޯޑް ކުރެވިފައި ވަނީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެކަމަކު، އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ނޭޕާލަށް އައި ބިން ހެލުން ރިކޯޑް ކުރެވިފައި ވަނީ 5.6 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.

Ad
rt

މި ބިންހެލުމާ އެކުގައި ރެސްކިއު ޓީމުތަކުން ވަނީ ނޭޕާލްގެ ހުޅަނގު ސަރަހައްދު ކަމަށްވާ ޖަޖަރްކޮޓް އަދި ރުކުމް އަށް މީހުން ސަލާމަތް ކުރުމަށް ގޮސްފައެވެ.

ބިންހެލުމާ ގުޅިގެން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއަށާއި އަވަށްޓެރި އިންޑިއާ އަށް ލޮޅުންތަކެއް އެރިއެވެ. މި ބިންހެލުން އައި ފަހުން އެއް ގަޑިއިރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ނޭޕާލަށް ވެސް ލޮޅުމުގެ އިހްސާސް ކުރެވުނެވެ. ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކު ރޭގައި ތިބީ ގެއިން ބޭރުގައެވެ. އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ގެތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޭޕާލްގެ އަސްކަރިއްޔާ އިން ބުނީ ބިންހެލުމާ ގުޅިގެން 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ޖަޖަރްކޮޓްގެ ޕޮލިސް ޗީފް ސުރޭޝް ސުނާ ވިދާޅުވި ގޮތުގައި އެ ސަރަހައްދު ވަރަށް ބޮޑަށް އަނދިރިވެފައި އޮތުމުން އެ ޑިސްޓްރިކްޓަށް ވި ގޮތެއް ސީދާ ބުނަން ނޭނގޭ ކަމަށެވެ.

"އަހަރުމެން މިހާރު މިދަނީ މައުލޫމާތު ހޯދަމުން. އެކަމަކު، އެ ސަރަހައްދު ފިނި ކަމުންނާއި ރޭގަނޑު ގަޑިއަށްވުމުން މައުލޫމާތު ހޯދަން އުނދަގޫ،" އޭނާ ވިދާޅުވިއެވެ.

ނޭޕާލްގެ މީޑިއާއަކުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ބައެއް މީހުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ނޭޕާލްއަކީ ވަރަށް ގިނަ އިން ބިންހެލުންތައް އަންނަ ގައުމެކެވެ. މިދިޔަ މަހު ވެސް 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސް ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ. އަދި އޭގެ ކުރިން 2015 ގައި އައި ދެ ބިންހެލުމާ ގުޅިގެން 9،000 މީހުން މަރުވެ، 22،309 މީހުން ވަނީ ޒަހަމްވެފައެވެ. އެ ބިންހެލުމާ ގުޅިގެން 800،000 އަށް ވުރެ ގިނަ ގެތައް ވެސް ހަލާކުވިއެވެ.