ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ މައްސަލަ އަށް ހައްލެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ޕީޕީއެމް/ޕީއެންސީން ތަދައްހުލްވާން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަނުމަށް ޕީޕީއެމް/ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ. އެ ދެ ޕާޓީން އެގޮތަށް ނިންމި އިރު، ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަނުމަށް ނިންމައިފައެވެ.
އެމްޑީޕީން ތަކުރާރުކޮށް ބުނަމުން ދަނީ ނަޝީދުގެ މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު ކަމެއް މަޖިލިހުގައި ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީން ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި މަޖިލިހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާއެކުގައެވެ.
ނަޝީދު ވަކި ކުރުމުގެ މައްސަލަ ތިން ދުވަހަކު، އެޖެންޑާ ކުރި ނަމަވެސް ޖަލްސާތަކަށް މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވެފައިވާތީ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ޖަލްސާ ވަނީ ނިންމާލައިފައެވެ. އެކަމަކު، އެމްޑީޕީގެ މެމްބަރުން ގަބޫލު ކުރާ ގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ ޒިންމާ އަދާ ކުރާނެ ފަސް މެމްބަރަކު ކަނޑައަޅަން ގަވާއިދުގައި ބުނެފައި އޮތް މާއްދާގެ ދަށުން އެ ޖަލްސާ ހިންގޭނެ ކަމަށެވެ.
ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައި އޮތް ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފައިވާ އިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ވަނީ ނިންމައިފައެވެ.
މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް އެ މައްސަލާގައި އެމްޑީޕީން އެދިފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!