2034 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ސައުދީ އަރަބިޔާގައި ބާއްވަން ނިންމައިފިއެވެ.

ވޯލްޑް ކަޕް 2034 ބޭއްވުމަށް ބިޑްކުރަން ބޭނުންވާ ގައުމުތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ފީފާ އިން ދިން މުއްދަތު އަންގާރަ ދުވަހަށް ހަމަވެފައިވާއިރު އެކަމަށް ކުރިމަތިލާފައި ވަނީ ވެސް ސައުދީން އެކަންޏެވެ. އެ އަހަރުގެ މުބާރާތް އޭޝިއާ އާއި އޯޝޭނިއާގެ ގައުމުތަކަށް ހޯސްޓް ކުރުމުގެ ފުރުޞަތު ފީފާއިން ހާއްސަ ކުރުމުން، މުބާރާތް ހޯސްޓް ކުރުމަށް އޮސްޓްރޭލިއާއިން ވެސް ތައްޔާރުވިއެވެ. ނަމަވެސް، އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (އޭއެފްސީ) ގެ ތާއީދު ސައުދީ އަށް ލިބޭނެކަން ކަށަވަރުވުމާއެކު، އޮސްޓްރޭލިއާއިން ބިޑް ނުކުރެއެވެ.

Ad
rt

އޮސްޓްރޭލިއާ އިން މިހާރު އަމާޒު ހިފާފައިވަނީ 2026 ވަނަ އަހަރުގެ އަންހެނުންގެ އޭޝިއަން ކަޕާއި 2029 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ހޯސްޓްކުރުމަށެވެ.

2034 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވަން ސައުދީން ތައްޔާރުވަމުން އަންނައިރު އެ ގައުމުގެ ލީގު ވަރުގަދަ ކުރުމަށް ޔޫރަޕްގެ ބޮޑެތި ކުލަބްތަކަށް ކުޅެމުން އަންނަ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ސައުދީ ޓީމްތަކުން މިހާރު ވެސް ވަނީ ހޯދާފައެވެ. އަދި މި އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ބާއްވަން ނިންމާފައި ވަނީ ސައުދީގައެވެ.

ކުރިއަށް އެންމެ އަވަހަށް އޮންނާނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އެ އަހަރުގެ މުބާރާތް ކުޅޭނީ ތިން ގައުމެއްގައެވެ. އެއީ ކެނަޑާއާއި މެކްސިކޯގެ އިތުރުން އެމެރިކާގައެވެ. 2030 ވަނަ އަހަރު ވޯލްޑް ކަޕް ޔޫރަޕްގައި ކުޅެން ނިންމާފައިވާއިރު އެ މުބާރާތް ކުޅޭނީ ޕޯޗުގަލްގެ އިތުރުން ސްޕެއިންއާއި މޮރޮކޯގައެވެ.