ފާއިތުވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯޅަ މަޖައްލާ އިން ދޭ ބެލޮންޑިއޯ އެވޯޑް އަށްވަނަ ފަހަރަށް އެމެރިކާ ލީގުގެ އިންޓަ މަޔާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ކާމިޔާބު ކޮށްފިއެވެ.
މިއީ މެސީ މި އެވޯޑް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. އެންމެ ގިނައިން މި އެވޯޑް ކާމިޔާބު ކުރުމުގެ ރެކޯޑް މެސީއަތުގައި އޮތްއިރު، ދެން މި އެވޯޑް އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ މި އެވޯޑް ފަސްފަހަރު ކާމިޔާބު ކޮށްފައެވެ.
މެސީ ފުރަތަމަ މި އެވޯޑް ހޯދާފައި ވަނީ 2009 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާވަނީ 2010، 2011، 2012، 2015، 2019، 2021 އަދި 2023 ގައި މި އެވޯޑް ހޯދާފައެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި މެސީ އަށް ބެލޮންޑިއޯ އެވޯޑު ހަވާލު ކުރީ އޭނާ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީގެ އެއް ހިއްސާދާރު، އަދި އިންގްލެންޑުގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްއެވެ.
މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މެސީގެ މޮޅު ކުޅުމާއިއެކު އާޖެންޓީނާއިން ކާމިޔާބުކުރި އިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ. މީގެ އިތުރުން މެސީ ވަނީ ޕީއެސްޖީއާއިއެކު ފްރާންސް ލީގު ކާމިޔާބު ކޮށްފައެވެ.
މި އެވޯޑަށް މެސީއާއި އެންމެ ގާތުން މި އަހަރު ވާދަ ކޮށްފައި ވަނީ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ހާލަންޑް އެވެ. އޭނާ ސިޓީއާއިއެކު މިދިޔަ ސީޒަންގައި ވަނީ ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.
ދެން މި ލިސްޓްގެ ގަދަ ދިހައެއްގައި ހިމެނެނީ ޕީއެސްޖީގެ ފްރާންސް ފޯވާޑް އެމްބާޕޭއާއި، ސިޓީގެ ބެލްޖިއަމް މިޑްފީލެޑަރ ކެވިން ޑި ބްރޭނާއާއި ސިޓީއަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީއާއި، ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީސިއަސްއާއި، ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒްއާއި، ނަޕޯލީއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް ވިކްޓް އޮޝީމެންއާއި، ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބާނާޑޯ ސިލްވާގެ އިތުރުން ރެއާލަށް ކުޅެމުން އަންނަ ކޮރޭޝިއާގެ މިޑްފީލްޑަރ ލުކާ މޮޑްރިޗެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!