ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކޮށް މާދަމާގެ ޖަލްސާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން ތާވަލުކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ އެޖެންޑާގައިވާ ގޮތުން އޮތް ދެ ކަމަކީ, މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ.
ނަޝީދު ވަކި ކުރުމުގެ މައްސަލަ މިއަދާއި އިއްޔެ އެޖެންޑާ ކުރި ނަމަވެސް ޖަލްސާ އަށް މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވެފައިވާތީ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ޖަލްސާ ވަނީ ނިންމާލައިފައެވެ. އެކަމަކު، އެމްޑީޕީގެ މެމްބަރުން ގަބޫލު ކުރާ ގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ ޒިންމާ އަދާ ކުރާނެ ފަސް މެމްބަރަކު ކަނޑައަޅަން ގަވާއިދުގައި ބުނެފައި އޮތް މާއްދާގެ ދަށުން އެ ޖަލްސާ ހިންގޭނެ ކަމަށެވެ.
ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައި އޮތް ގަރާރުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ވަނީ އިއްޔެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ މިހާރު ވަނީ އެ ކޯޓަށް ބަލައިގަނެފައެވެ.
މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ދިނުމަށް އެ މައްސަލާގައި އެމްޑީޕީން އެދިފަވެއެވެ.
އެމްޑީޕީން ދަނީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސްފި، އިތުރު މައްސަލައެއް ހުށަހަޅަން ފުރުސަތު ނުދޭނެ ކަމަށް ބުނަމުންނެވެ.
ނަޝީދު ވަކިކުރުމަށް އިތުބާރުގެ މައްސަލައެއް މަޖިލިހަށް ހުށަހަޅާފައިވަނީ 49 މެމްބަރުންގެ ސޮޔާއެކުގައި އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު އެމްޑީޕީންނެވެ.
މި މައްސަލާގެ ނޯޓިސް ނަޝީދަށް ފޮނުވާފައި ވަނީ 12 އޮކްޓޯބަރު 2023 ގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ބާއްވާ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!