އަންނަ 2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ އަންހެނުންނަށް އެހީތެރިކަން ދިނުމަށް ވިޔަފާރިވެރިންގެ ކިބައިން އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން ދިވެހި ވިޔަފާރިވެރިންތަކެއް ބައިވެރިވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ވީހާ ވެސް ގިނަ އަންހެނުންނަށް ރައްޔިތުންގެ މަޖިލިހުން ފުރުސަތު ހޯދައި ދިނުމަށް އެ ވިޔަފާރިވެރިންގެ އެހީތެރިކަން ދީ، ސްޕޮންސާ ކޮށްދިނުމަކީ އެ މަނިކުފާނު ވަރަށް އުފާފުޅުވާނެ ކަމަކަށެވެ. އަދި މަޖިލިސް އިންތިހާބުގެ 93 ގޮނޑީގެ ތެރެއިން 19 ގޮނޑި އަށް އަންހެނުން ނެރުމަށް ދިވެހި ވިޔަފާރިވެރިން ނުކުމެ، މަސައްކަތް ކޮށްދިނުން ވާނީ ގައުމަށް ކޮށްދެވޭނެ ވަރަށް ބޮޑު ކަމަކަށް ކަމުގައި ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އަބަދު އެކައްޗެއް ކިޔައި، ކުރިއަށް އަޅާ ފިޔަވަޅުތަކަށް ވުރެ ގިނަ ފިޔަވަޅު ފަހަތަށް އަޅަން ވެއްޖެ ނަމަ ދުވަހަކު ވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށާއި މަޖިލިހަށް އަބަދު އިންތިހާބު ކުރަން ޖެހެނީ ފިރިހެނުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ގާނޫނުގައި ހަމަހަމަ ފުރުސަތެއް ދީފައި އޮތް ނަމަވެސް މަޖިލިހަށް އަންހެނުން ނެރުމަށް އިތުރު ބާރެއް ލާން ޖެހޭކަން ފާހަގކުރެއްވިއެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން މަދުވެގެން 20 އިންސައްތަ ގޮނޑި އަށް ވާދަކުރުމަށް މުއިއްޒު ބޭނުންފުޅުވާއިރު، އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ ލަނޑުދަނޑި ހާސިލް ކުރުމަށްޓަކައި ވީހާ ވެސް ގިނަ އަންހެނުން މަޖިލިސް އިންތިހާބުގައި ހޮވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.